އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކަށް ސީދާ ކަމާބެހޭ އިދާރާތަކާ މުއާމަލާތްކުރެވޭ ގޮތް އަންނަ އަހަރު ފެށޭއިރު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި މިހާރު އޮންނަނީ، ރީޖަނަލް ހޮސްޕިޓަލް ނޫނީ އަތޮޅު ހޮސްޕިޓަލު މެދުވެރިކޮށް ރަށްރަށުގައި ހުންނަ ސިއްހީ މަރުކަޒުތަކަށް ބޭސް ފޯރުކޮށްދޭ ނިޒާމެއް ކަމަށެވެ. އެއީ ވަޒީފާތައް ކަމަށްވިޔަސް، އެހެން ކަމެއްގައި ކަމަށްވިޔަސް އެކަން ކުރަންޖެހެނީ އެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އާ ބަޖެޓު ފާސްވެގެން އައިސް، ބަޖެޓު ތަންފީޒުވެގެން ދާން ފަށާއިރު، ޖެނުއަރީ މަހުން ފެށީވަރަށް އިރާދަކުރެއްވިއްޔާ މިކަން ނިމޭނެ. ނިމޭއިރު ނަތީޖާއަކީ އާ އަހަރުން ފެށިގެން، ޖެނުއަރީން ފެށިގެން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތައް، ހޮސްޕިޓަލުތައް، ހުރިހާ ތަނެއް ވަކި މުއައްސަސާތަކުގެ ގޮތުގައި ޑައިރެކްޓްލީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއިި ވުޒާރާތަކާ މުއާމަލާތްކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަން ނިމިގެންދާ އިރު، ހެލްތު މިނިސްޓްރީއާއާއި ފިނޭންސް މިނިސްޓްރީ އަދި އެސްޓީއޯއާ ސިއްހީ މަރުކަޒުތަކަށް ކަމަށްވިޔަސް ސީދާ މުއާމަލާތްކުރެވޭނެ ކަމަށާއި އެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ނިޒާމު ގާއިމުކުރުމަށް ސޮފްޓްވެއާގެ މަސައްކަތްކޮށް، ކޮންމެ ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލަކުން މުވައްޒަފުންނަށް ތަމްރީނުދެވިގެންދާނެ ކަމަށާއި އެ މަސައްކަތް ނިމުމާއެކު ކުރިއެރުން ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.