މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ދަށުން އެކުލަވާލަމުން ގެންދާ، ގައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ގުޅުން ހުރި ގައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ އިރު، އެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުވާލުކުރައްވައިފައެވެ.
މިސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުން ހުރި ގައުމީ ސިޔާސަތު އެކުލަވާލުމަށް އެކުވެރި ދައުލަތް، އދ. އާއެކު މަސައްކަތް ކުރެވި އިނީޝިއަލް ޑްރާފްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
ނަމަވެސް އެ ޖަމްއިއްޔާއާ އެކު އެކުލަވާލި ޑްރާފްޓަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެކަނި ބަލައިގެން އެކުލަވާލާފައިވާ ޑްރާފްޓެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރާއި ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކަށް ރިއާޔަތްކޮށް އެ ޑްރާފްޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި މިހާރު އެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކުން އެކަމަށް ބޭނުންވާ މައުލޫމާތު ހޯދަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ގައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް އަންނަ މަހުގެ 30ވަނަ ދުވަހުގެ ކުރިން ނިންމުމަށް ކަމަށެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް