ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަލަން ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކެބިނެޓުން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިން މާކެޓެއް އުފެއްދުމުގެ މަގުސަދުގައި ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، ކަންތައްތަކެއް ތަންފީޒުކުރުމަށް ވަނީ ކެބިނެޓުން ވަނީ ނިންމައިފައެވެ. އެއީ؛

  • އިމާރާތްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކުގެ އަމިއްލަ ހަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްގީކުރުމަށް ފުރުސަތު ހުޅުވާލުން.
  • މިގޮތަށް ތަރައްގީކުރާ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އެންޑް-ޔޫސާ ފައިނޭންސްގެ ހާއްސަ މޯގޭޖް ސްކީމެއް ބޭންކުތަކާ މަޝްވަރާކޮށްގެން ތައާރަފުކުރުން.
  • މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްގީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  • ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ، އެ ޔުނިޓުތަކަކީ ކަނޑައެޅޭ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް ފޯރުކޮށްދޭ ޔުނިޓުތަކެއް ކަމުގައި ކަނޑައެޅުން.

އޭގެ އިތުރުން، މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، އެ މަޝްރޫއާ ގުޅޭ ކަންކަން އިތުރުކޮށްގެން ކުރިއަށް ގެންދިއުމަށްވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.