ގާޒާ ޕްލޭނާ މެދު ހަމާސްއިން މާދަމާގެ ނިޔަލަށް ގޮތެއް ނިންމަންޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން ހަދާފައިވާ ގާޒާ ޕީސް ޕްލޭން ނަމުގައި އެކުލަވާލަފައިވާ ޕްލޭނާ މެދު ގޮތެއް ނިންމުމަށް ހަމާސް އަށް މާދަމާގެ ނިޔަލަށް މުހުލަތު ދީފައިވާއިރު އެޕްލޭން ގަބޫލު ނުކޮށްފިނަމަ އެކަމުގެ ހިތި ފެންނާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރޫތް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ވަނީ މާދަމާގެ ޖީއެމްޓީ ގަޑިން 22:00ގެ ކުރިން ހަމާސް އިން އެކަމުގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ އެ ޕްލޭންގައި ހުރިހާ އަރަބި ގައުމުތަކުން ބައިވެރިވެފައިވާ ކަމަށާއި މުސްލިމް ގައުމުތަކުން ވެސް ބައިވެރިވެފައިވާކަން ވިދާޅުވެފައެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ އިޒްރޭލުން ވެސް އެޕްލޭން ގަބޫލުކޮށް ބައިވެރިވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވިދާޅުވީ ހަމާސް އިން އެ ޕްލޭނަށް އެއްބަސް ނުވެއްޖެނަމަ ނިމުން ހިތާމަވެރި ވާނެ ކަމަށެވެ.

ގާޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިޒްރޭލާއި އެމެރިކާއިން ވަނީ 20 ޕޮއިންޓު ހިމެނޭ ޕްލޭނެއް އެކުލަވާލައިފައެވެ.