ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމުގައި ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިއަށްގެންދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގެ އެހާރާއި މިހާރުގެ ހިދުމަތްތެރީންނަށް ޝުކުރު ދަންނަވައިފައެވެ.
"ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްގީކުރުމުގައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ގައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިއަށްދިއުމަށް މި ސިނާއަތާ ގުޅޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ފަތުރުވެރިކަން ނެތް ސަރަހައްދުތަކުގައި ފަތުރުވެރިކަން ފަށައި، ފުޅާކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
އޭގެ އިތުރުން ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ ރިސޯޓު ހުޅުވުމެވެ.
އޭގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ވަނީ ނިންމަވައިފައެވެ. އެހެންކަމުން ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެމްބަރު 2021 ގައި އެކަށައެޅުއްވި ގަރާރު ވަނީ އުވައިލައިފައެވެ.
އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްގީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް އެ މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ.
އަމާޒަކީ ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި، ރައީސްގެ މި ދައުރުގައި އެ ރަށް އޮޕަރޭޝަނަށް ގެނައުން ކަމަށާއި އަދި ހަމައެއާއެކު، އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް ބީލަމަށް ހުޅުވާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު