އިންޑޮނޭޝިއާގައި ވެއްޓުނު އިމާރާތެއްގެ ދަށުން ފަސް ކުދިން ސަލާމަތްކޮށްފިއެވެ.

އިންޑޮނޭޝިއާގެ އިރުމަތީ ޖާވާ ސަރަަހައްދުގައި ހުންނަ ސްކޫލެއްގެ އިމާރާތް ވެއްޓުނު ހާދިސާއަށްފަހު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެ ވަނީ އިމާރާތުގެ ދަށުން ދިރިހުއްޓައި ފަސް ކުދިން ސަލާމަތްކޮށްފައެވެ.

ރެސްކިއު އޮފިޝަލުން ބުނީ ވެއްޓުނު އިމާރާތުގެ ދަށުގައި އަދިވެސް ކުދިން ތިބި ކަމަށާއި ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިމާރާތް ވެއްޓިފައިވާގޮތުން ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވަމުން ދަނިކޮށް އިތުރަށް އިމާރާތް ވަޅުލެވިދާނެ ކަމުގެ ބިރަށް ރެސްކިއު އޮޕަރޭޝަން ލަސްވެފައިވާކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

ރެސްކިއު ޓީމުތަކުން ތާމަލް ކެމެރާ ބޭނުންކޮށްގެން އިމާރާތުގެ ދަށުން ކުދިން ސަލާމަތް ކުރަމުންއަންނަ އިރު، އޮފިޝަލުން ވަނީ އާއިލާތަކާ މަޝްވަރާކޮށް ހެވީ ވެހިކަލްތައް ބޭނުންކޮށްގެން ރެސްކިއު އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ނިންމައިފައެވެ.

ދެ ބުރިއަށް އިމާރާތްކޮށްފައިވާ އަލް ހޮޒިނީ އިސްލާމިކް ބޯޑިން ސްކޫލުގެ އެ އިމާރާތް ވެއްޓިފައިވަނީ ދަރިވަރުން އެ އިމާރާތުގައި ކޭމްޕެއް ބާއްވަމުން ދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.