އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން މުޅިން އާ ލޯނު ސްކީމެއް އަންނަ މަހު ތައާރަފުކުރުމަށް ނިންމައިފިއެވެ.
އެސްޑީއެފްސީން ބުނީ އެ މަޝްރޫއުގެ މަގުސަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމާއި ވިޔަފާރީގައި ހަރާކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އަންހެނުން ބާރުވެރި ކުރުވައި، އިގުތިސާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ.
އެ ސްކީމުގެ ދަށުން ތަފާތު އެކި ދާއިރާތަކުން ވިޔަފާރިކުރަން ބޭނުންވާ ފަރާތަކުން އެސްޑީއެފްސީން ފައިނޭންސިން ދޭނެ ކަމަށާއި އެ ސްކީމަށް އަންނަ މަހު އެޕްލިކޭޝަނަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެސްޑީއެފްސީން ބުންޏެވެ.
އަލަށް މި އިއުލާނު ކުރެވުނު ސްކީމްގެ އިތުރުން، އެސްޑީއެފްސީން މިހާރު ވެސް އަންނަނީ 2024 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީ އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގުޅިގެން ފަށާފައިވާ "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ފައިނޭންސިން ދޫކުރަމުންނެވެ.
ޖުމުލަ 100 މިލިއަން ރުފިޔާގެ އެ ސްކީމަކީ ފަސް ފިޔަވައްސަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސަކަށް 20 މިލިއަން ރުފިޔާ ކަނޑައަޅައި، އަދި ކޮންމެ ފިޔަވައްސެއްގެ 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ސްކީމެކެވެ. ފަށާމަދަދުގެ ދެ ފިޔަވައްސެއްގެ އެޕްލިކޭޝަންތައް މިހާރު ވަނީ ބަލައިގަނެފައެވެ.
ފުރަތަމަ ފިޔަވަހީގެ ކާމިޔާބީ
ފަށާމަދަދު ސްކީމްގެ ފުރަތަމަ ފިޔަވައްސަށް 2024 ވަނަ އަހަރު ހުޅުވާލައި، އެ ފިޔަވަހީގެ ދަށުން 63 ފަރާތަކަށް ލޯނު އެޕްރޫވްކޮށް، ލޯނުގެ ފައިސާ ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ހަތަރު ފަރާތް ހިމެނެއެވެ.
އެ ފިޔަވަހީގެ ދަށުން މާލެ ސަރަހައްދު ހިމެނޭހެން 16 އަތޮޅަކަށް އެ ލޯނު ދޫކޮށްފައިވަނީ، ތަފާތު 13 ބާވަތުގެ ވިޔަފާރި ހަރަކާތްތަކަށެވެ. އޭގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް، ކާބޯތަކެތި ޓޭކްއަވޭ ހިދުމަތް، ފުޑް ފެކްޓަރީ، ފެހުން، ސެލޫން، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ، އަތްތެރި މަސައްކަތް، ޖިމް އަދި ފިޓްނަސް ސެންޓަރު، މަސް ޕްރޮސެސް ކުރުން، ތައުލީމް ދިނުން، ކްލިނިކް އަދި ހެލްތު ސާވިސަސް އާއި ބޭކަރީ ވިޔަފާރިތައް ހިމެނެއެވެ.
އެސްޑީއެފްސީން ބުނީ އެ ފިޔަވަހީގައި ދޫކުރި ލޯނުތަކުގެ ތެރެއިން 45 ޕަސަންޓު ވިޔަފާރިތައް މިހާރު ހިންގަމުންދާ އިރު، އެހެނިހެން މަޝްރޫއުތައް ފެށުމަށް ކުރެވޭ މަސައްކަތްތައް އެ ކުންފުނިން ގާތުން ބަލައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ދެވަނަ ފިޔަވަހީގެ ކުރިއެރުންތައް
އެސްޑީއެފްސީން ބުނީ މިއަހަރުގެ ޖޫން 15 އިން އޮގަސްޓް 31 އަށް ހުޅުވާލެވުނު ދެވަނަ ފިޔަވަހީގައި 205 ފަރާތަކުން ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން 47 އެޕްލިކޭޝަން މިހާރު ވަނީ ޕްރޮސެސްކުރުމުގެ މަރުހަލާގައި ކަމަށާއި މިހާތަނަށް އަށް ފަރާތަކަށް ލޯނު އެޕްރޫވްކުރެވި، ފައިސާ ދޫކުރަން ފަށާފައިވާ ކަމަށެވެ.
އެ ފިޔަވަހީގައި ކަނޑައެޅިފައިވާ 20 މިލިއަން ރުފިޔާގެ އަދަދު ހަމަވުމާއެކު، 110 އެޕްލިކޭޝަން ވަނީ ވެއިޓްލިސްޓްގައި ހިމަނައިފައެވެ.
އާ ފައިނޭންސިން ސްކީމް
އަންހެނުން ވިޔަފާރިވެރިންނަށް ހާއްސަ އާ ލޯނު ސްކީމަށް އެޕްލިކޭޝަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ. އެޕްލިކޭޝަން ބަލައިގަންނަން ހަމަޖައްސާފައިވަނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައިވާ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށެވެ. ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރެވޭނެ ކަމަށް އެސްޑީއެފްސީން މައުލޫމާތުދެއެވެ.
އެ ސްކީމް ތައާރަފުކުރުމާ ގުޅޭގޮތުން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ގާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއް ކަމަށާއި އެ ސްކީމްގެ ދަށުން، ފަސޭހަ އަދި ލުއި ގޮތްތަކެއްގެ މަތިން ފައިސާ އަނބުރާ ދެއްކޭނެ ގޮތަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭ ކަމަށެވެ.
"މީގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިގުތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެ. އެ ފަރާތްތަކަށް މި ފުރުސަތު ލިބިގެންދިއުމާއެކު، ގިނަ ފަރާތްތަކަކަށް އެ ފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކުރެވޭ،" ބަދުރުއްދީން ވިދާޅުވިއެވެ.
އެ ސްކީމަކީ އަންހެނުން ވިޔަފާރިއަށް ނުކުތުމަށް ހިތްވަރުދީ އެހީތެރިވުމަށް އެސްޑީއެފްސީން ތައާރަފުކޮށްފައިވާ މުހިންމު އިސްނެގުމެކެވެ. އޭގެ ސަބަބުން އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، ކުރިއެރުވުމަށާއި، އަދި ގައުމުގެ އިގުތިސާދީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ލިބިގެންދާނެކަމަށް އެސްޑީއެފްސީން ދެކެއެވެ.
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން