ފަލަސްތީނުގެ ގާޒާގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ހިލާފު އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ދަތުރުކުރަމުންދިޔަ ސުމޫދު ފުލޮޓިއްލާގެ ބޯޓުތައް އިޒްރޭލު ސިފައިން ހުއްޓުވައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ގަޒާ ކައިރިން، ސުމޫދު ފުލޮޓިއްލާގެ ބޯޓުތަކުގެ ތެރެއިން އެއް ބޯޓު ފިޔަވައި އެހެން ހުރިހާ ބޯޓުތަކެއް ވަނީ އިޒްރޭލު ސިފައިން ހިފަހައްޓައިފައެވެ. އެ ބޯޓު ގާޒާއަށް ދަތުރުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގްލޯބަލް ސުމޫދު ފްލޮޓިއްލާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލު ސިފައިން ބޯޓުތައް ހުއްޓުވުމާ ގުޅިގެން އެ ބޯޓުތަކުން ދަތުރުކުރަމުންދިޔަ މީހުންނާ މުއާސަލާތީ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި ދުނިޔޭގެ އެެކި ގައުމުތަކުން 40 ބޯޓާއި 44 ގައުމަކުން 500 ބައިވެރިން ހިމެނެއެވެ.

ސުމޫދު ފްލޮޓިއްލާގެ ދަތުރުގައި ރާއްޖެއިން ވެސް ބައިވެރިވެއެވެ. އެގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ އޮފިޝަލަކު ސުމޫދު ފްލޮޓިއްލާގައި ދަނީ ބައިވެރިވަމުންނެވެ.