ތަމްވީލް ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސް ނަމުގައި ކުރެހުމުގެ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާނުކޮށްފިއެވެ.
މި މުބާރާތް އަމާޒުކޮށްފައިވަނީ ރާއްޖޭގޭ ހުހިރާ ސަރަހައްދެއްގެ ގްރޭޑް ފަހަކުން ނުވައެއްގައި ކިޔަވާ ދަރިވަރުންނަށެވެ.
އެމްއެމްއޭއިން މިއަދު ބުނީ އެ މުބާރާތުގައި، ކުރެހުމުގެ ޒަރީއާއިން މާލީ ދާއިރާ އޮންނާނެ ގޮތުގެ ތަސައްވަރު ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ކުރެހުމުގެ ތެރެއިން، ދަރިވަރުންގެ އާ ހިޔާލުތަކާއި އާ އިޖާދީ ވިސްނުންތައް ދެނެގަނެ، އެ ދަރިވަރުންގެ ހުނަރުތައް އާއްމުންނަށް ހަމައަށް ފޯރުކޮށްދިނުމަކީ ވެސް މުބާރާތުގެ މަގުސަދެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މުބާރާތުގެ ބައިވެރިންނަށް އެކި ބާވަތްތަކުގެ އަތު ކުރެހުމާއި ޑިޖިޓަލް ކުރެހުންތައް ނުވަތަ މިކްސް މީޑިއާގެ ބޭނުންކޮށްގެން ވިލުންތެރި މާލީ މުޖުތަމައެއް އޮންނާނެ ގޮތުގެ ތަސައްވުރު ކުރެހުމުގެ ޒަރީއާއިން ހާމަކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
"ބައިވެރިން ވާނީ ކުރެހުމާއި، ކުލަ އާއި ޑިޖިޓަލް މަސައްކަތްތަކާއި ނުވަތަ މިކްސްޑް މީޑިއާ މެދުވެރިކޮށް، މާލީ ދާއިރާއަކީ ހަމައެކަނި ނަންބަރުތަކަކާއި މުއާމަލާތްތަކެއްގެ ބަދަލުގައި، އިންސާފުވެރިކަމާއި، މުޖުތަމައުގެ ރައްކާތެރިކަމާއި، އަދި ދިގު މުއްދަތަކަށް ދެމިހުންނާނެ ވަސީލަތެއްގެ ގޮތުގައި ދައްކައިދޭށެވެ. ކޮންމެ މަސައްކަތަކާއެކު ވެސް އެ މަސައްކަތުގެ ހިޔާލާއި އިހުތިޔާރު ކުރެވުނު ތީމާ ގުޅޭގޮތުގެ ކުރު ތަފްސީލެއް ހުށަހަޅަންވާނެއެވެ،" އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ އެ ޝޯކޭހުގައި އަށް ތީމެއް ހިމެނޭނެ ކަމަށާއި މުބާރާތް ބެހިގެން ވަނީ ދެ ގިންތިއަކަށެވެ. އެއީ ގްރޭޑް 5-7 އާއި ގްރޭޑް 8-9 އެވެ. އަދި ޑިޖިޓަލް އަދި ޑިޖިޓަލް ނޫން މަސައްކަތްތަކަށް ވަކިން އިނާމު ދޭނެއެވެ.
މުބާރާތުގެ ވަނަތަކަށް 3،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެ ކަމަށާއި އަދި އިސްލާމީ ފައިނޭންސިން ދާއިރާއަށް ހާއްސަވާ އެންމެ ރަނގަޅު މަސައްކަތަށް 500 ރުފިޔާގެ ހާއްސަ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ މުބާރާތުގައި ހޮވޭ މަސައްކަތްތައް އެމްއެމްއޭގެ އިވެންޓްތަކުގައި ދައްކައި އެ އިދާރާއިން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިންތަކުގައި ބޭނުންކުރާނެ ކަމަށާއި ދަރިވަރުންނަށް އެމީހުންގެ މަސައްކަތް ޑިޖިޓަލްކޮށް ނުވަތަ ފިޒިކަލްކޮށް ވެސް ހުށަހެޅިދާނެ ކަމަށެވެ.
މި މުބާރާތުގެބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 3:00 އެވެ. އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ހުށަހަޅާ މަސައްކަތްތަކަކީ އަމިއްލަ އުފެއްދުންތަކަށް ވާން ޖެހޭނެއެވެ.
އާޓިފިޝަލް އިންޓަލިޖެންސް، އޭއައި މެދުވެރިކޮށް އުފައްދާފައިވާ ނުވަތަ ކޮޕީކޮށްފައިވާ އެއްޗެއް ކަމުގައި ނުވުން ލާޒިމު ކަމަށް ވެސް ބުންޏެވެ.
ތަމްވީލް ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސް މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާއިން ލިބެން ހުންނާނެއެވެ.
ފާތިމަތު ލިއުޝާ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ