ދިރާގުގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިރާގުން ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އޮފާތައް ވަނީ އިއުލާނުކޮށްފައެވެ. އެ އޮފާތަކަކީ:

  • 37ޖީބީ ހިލޭ، 24 ގަޑިއިރަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިއަދު ހެނދުނު 10:00 އިން 18:00 އާ ދެމެދު *225# އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37ޖީބީ ޑޭޓާ ހިލޭ ލިބޭ ޕްރޮމޮޝަނެއް
  • ދިރާގު x އައިސިކް: ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ފަރުމާކޮށްފައިވާ މި ޕްލޭން މެދުވެރިކޮށް އައިސިކް އަދި ދިވެހި ޕާޓްނަރުންގެ ފަރާތުން ހާއްސަ އޮފާތަކާއި، ޓެލެކޮމް އިނާޔަތްތައް ލިބިގެންދާނެ. މި ޕްލޭނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެ
  • އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ދިރާގުއެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައި
  • ދިރާގު ނެޓްޕްރޮޓެކްޓް: އޭއައިގެ އެހީތެރިކަމާއެކު އިންޓަނެޓްގެ ރައްކާތެރިކަން 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާ އޮފާއެއް. މި ހިދުމަތް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ

ދިރާގުން ބުނީ އެ އޮފާތަކާއި ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓް www.dhiraagu.com.mv އިން ލިބެން ހުންނާނެ ކަމަށެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތައް ގުޅުވާލައި، ބާރުވެރިކޮށް، އެންމެ ރަނގަޅު ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެ ގޮތުން މިއަދު ތައާރަފު ކުރި އޮފާތަކަކީ ދިރާގަށް 37 އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންގެ އަގު ވަޒަންކޮށް އެ އުފަލުގައި ބައިވެރިކުރުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ހާއްސަ އޮފާތަކެއް ކަމަށެވެ.