"އޯޕަން ވިސާ" ގައި ރާއްޖޭގައި ގަވައިދާ ހިލާފަށް ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ބިދޭސީން ޑީޕޯޓު ކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ "އޯޕަން ވިސާ"ގެ ނަމުގައި ރާއްޖޭގައި ބިދޭސީން ހަރަކާތްތެރިވަމުންދަނީ ބައެއް ދިވެހީންގެ އެހީތެރިކަމާއެކުގައިކަން އެ މުވައްސަސާއަށް ފާހަގަވެފައިވާ ކަމަށެވެ.

"އޯޕަން ވިސާގެ ނަމުގައި ރާއްޖެ އެތެރެވި މަސައްކަތް ނޫން، މަސައްކަތް ކުރަމުންދާ ބިދޭސީން ޑީޕޯޓު ކުރާނެ. 'އޯޕަން ވިސާ' ގެ ނަމުގައި ރާއްޖޭގައި ބިދޭސީން މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން. ރާއްޖެއަށް ބިދޭސީން އެކި މަސައްކަތްތަކުގައި އެތެރެކުރާ ދިވެހީން، އެމީހުން ރާއްޖެއަށް ގެންނަ މަސައްކަތް ނޫން މަސައްކަތްތައް ކުރުވުމަށް އެމީހުން ނުފޮނުވުމަށް ވަނީ އިލްތިމާސްކުރައްވާފައި،" އިމިގްރޭޝަނުން ބުންޏެވެ.

އެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ އެއްކަމަކީ އެ މީހުންގެ އަތުގައި މުއްދަތު ހަމަނުވާ ވިސާއެއް އޮތް ނަމަވެސް ދޫކޮށްފައިވާ ވިސާ ނުވަތަ ހުއްދައިގެ ބޭރުން އެެހެން ތަނެއްގައި މަސައްކަތް ކުރާ ކަމަށެވެ. ނުވަތަ ހުއްދަ ދޫކޮށްފައިވާ ނޫން އެހެން މަސައްކަތެއް ކުރަމުންގެންދާ ކަމަށެވެ.

9 ޖުލައި 2025: މާލޭގައި ބިދޭސީންގެ ނުޒޫފު ގަދަކޮށް ހިންގާ ވިޔަފާރިކުރާ ތަންތަން އިމިގްރޭޝަނުން ބަލާފާސްކުރުން --- ފޮޓޯ/އިމިގްރޭޝަން

"އޯޕަން ވިސާގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުން. އެ މީހުންގެ ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދާ،" އިމިގްރޭޝަނުން ބުންޏެވެ.

"އޯޕަން ވިސާ"ގެ ނަމުގައި ރާއްޖެގައި ބިދޭސީން މަސައްކަތް ކުރުމަކީ ގާނޫނީގޮތުން ހުއްދަ ކަމެއް ނޫނެވެ. ބިދޭސީންނަށް މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި އެމީހުން ވިސާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމަށެވެ.

އެހެންކަމުން އެކަމަށް ސަމާލުވެ، ވަޒީފާދޭ ފަރާތްތަކުން އެމީހުންގެ މުވައްޒަފުން އެހެން ތަންތަނަށް މަސައްކަތް ކުރުމަށް ނުފޮނުވުމަށް އިމިގްރޭޝަނުން އިލްތިމާސް ކުރެެއެވެ. އެގޮތަށް އަމަލުނުކުރާ ދިވެހިންނަށް ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި އަދި އެ ބިދޭމީހާ އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން ގެންގުޅޭ ދިވެހިންނާއި ބިދޭސީންގެ ފީ ނުދައްކާ ދިވެހިންނަށް ސަރުކާރުން ދަނީ ބޮޑެތި ފިޔަވަޅުތައް އަޅައި، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެމުންދާ ހިދުމަތްތަކުން ސަސްޕެންޑު ކުރަމުންނެވެ.

އޭގެ އިތުރުންވެސް ރާއްޖެއަށް ބިދޭސީން ގެނެސް އެމީހުންނާ މެދު އިހުމާލުވާ ދިވެހިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.