މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މުދާ ކްލިއާ ކުރި އަދަދު މިއަހަރުގެ ޖުލައި މަހާ އަޅައިބާލާ އިރު، އިތުުރުކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެމްޕީއެލުން ޖުލައި މަހު 6،320 ޓީއީޔޫސް (ޓްވެންޓީ-ފޫޓް އިކުއިވަލަންޓް ޔުނިޓްސް) ކްލިއާ ކޮށްފައިވާ އިރު، އޯގަސްޓް މަހު ވަނީ ޖުމުލަ 6،663 ޓީއީޔޫސް ކްލިއާކޮށްފައެވެ. މިއީ ޖުލައި މަހު ކްލިއާކުރެވުނު މުދަލުގެ އަދަދާ އަޅައިބަލާ އިރު، ފަސް އިންސައްތަ އިތުރު އަދަދެކެވެ.

އެގޮތުން އޯގަސްޓް މަހުގެ ތެރޭގައި ކްލިއާކުރެވުނު މުދަލުގެ ތެރޭގައި 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،028 ކޮންޓެއިނަރު ހިމެނެއެވެ. އެ މުއްދަތުގައި އެމްޕީއެލްގެ ބަނދަރުގެ ހިދުމަތް ހޯދި އުޅަނދުފަހަރުގެ ތެރޭގައި 20 ކޮންވެންޝަނަލް އުޅަނދާއި 14 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރެއިން އެންމެ ގިނައިން އޯގަސްޓް މަހު ކްލިއާކުރެވިފައިވަނީ ބިހެވެ. އެގޮތުން 71،037 ކޭސް ބިސް ކްލިއާކުރެވިފައިވެއެވެ. އަދި 55،581 ބަސްތާ ފިޔާ، 31،966 ބަސްތާ ކަރާ، 24،225 ބަސްތާ އަލުވި، 16،918 ބަސްތާ ޓޮމާޓޯ، 12،384 ބަސްތާ އަލަނާސި، 12،400 ބަސްތާ ކެބެޖް، 10،949 ގަނޑު ދޮންކެޔޮ، 3،687 ބަސްތާ ފޮނި ކެކުރި އަދި 5،583 ބަސްތާ ބަރަބޯ ޖެނެރަލް ކާގޯގެ ގޮތުގައި ކްލިއާކުރެވިފައިވެއެވެ.

އެމްޕީއެލުން ބުނީ މި ތަފާސް ހިސާބުތަކުން ދައްކުވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަސާސީ ބޭނުންތަކުގެ ތަކެތި ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ބަނދަރުން އަދާކުރާ އިސް ދައުރާއި، ހިދުމަތުގެ ފެންވަރު ކަމަށެވެ.