ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން، މޮނީޓަރިން ނިޒާމެއް ގާއިމުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ފެނަކައިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މި އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި، އެކަންކަން ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި، އިތުރު މޮނީޓަރިން ނިޒާމެއް ގާއިމުކުރެވޭނެއެވެ..،" ފެނަކައިގެ ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން ފެނަކައިގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމަށާއި، ސްޓޭކްހޯލްޑަރުންނާ މުއާމަލާތްކުރުމުގެ ނިޒާމު ވަރުގަދަކުރުމަށާއި، ރިޕޯޓުކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި ކުންފުނިން ކުރެވެން ހުރި އެންމެހާ ކަންކަން ދެނެގަނެ، އެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަކުރާރުނުވާނެކަން ކަށަވަރުކުރުމުގެ އެންމެހާ އަސާސީ އެއް ފިޔަވަޅަކީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވެފައިވާކަން ސާބިތުވާ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުންކަމުގައިވާތީ، އެފަދަ ފަރާތްތަކުގެ މައްސަލަތައް ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅޭނެ ކަމަށެވެ.
"ފެނަކަ ކޯޕަރޭޝަންގެ މެނޭޖުމަންޓުން ދިވެހި އާންމު ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ، މި ކުންފުނީގެ މިހާރުގެ މެނޭޖުމަންޓުން ކުންފުނި ހިންގަމުންދަނީ ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި މި ކުންފުނީގައި އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމެވެ..،" ފެނަކައިގެ ބަޔާނުގައި ބުންޏެވެ.
ފެނަކައިން އިތުރަށް ބުނީ އެއްވެސް ހާލެއްގައި އެ އުސޫލުތަކުގެ ބޭރުން އެއްވެސް އަމަލެއް ނުހިންގާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ބޮޑެތި ކޮރަޕްޝަންތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.
އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އޭރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދުގެ އާއިލީ ތިން ކުންފުންޏަށް ޖުމްލަ 49.7 މިިލިއަން ރުފިޔާގެ ކޮންޓްރެކްޓް މަސައްކަތް ދީފައިވެއެެވެ.
ފެނަކައިން މަޝްރޫއުތަކާ ގުޅުން ހުރި ހަރަދުތައް ކުރުމުގެ ނަމުގައި 26 މިލިއަން ރުފިޔާ އެކައުންޓްތަކަށް ޖަމާކޮށްފައިވާ އިރު، އެ ފައިސާގެ ތެރެއިން 21 މިލިއަން ޖަމާކޮށްފައިވަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ކަމަށާއި އަދި ނަގުދު ފައިސާގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
އޭގެ އިތުރުން ބިޑަކަށް ހުޅުވައި ނުލައި އަދި އެއްބަސްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިއްސާ އޮންނަ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ފެނަކައަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެ އޮޑިޓް ރިޕޯޓާ ގުޅިގެން ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވެފައިވަނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކޯޕަރޭޝަންގެ ބޭނުމަށް ކުރެވިފައިވާ އެންމެހައި ޕްރޮކިއުމަންޓް މުޢާމަލާތްތައް ކުރިއަށް ގެންގޮސްފައިވާނީ ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހައި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން އެކަށައަޅާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސައީދު ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައަކީ، 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ މައްސަލައިގައި ސައީދުގެ މައްޗަށް 26 ޑިސެމްބަރު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި އެ އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން