ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކާ މެދު މަޝްވަރާކޮށް، ފިޔަވަޅު އަޅާނެ ހާއްސަ ކޮންފަރެންސެއް ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގައި ސިޔާސީ ބައެއް ފަރާތްތަކަށް ހުކުމް ކުރަމުންދާ އިރު، ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮންފަރެންސްގެ ތާރީހާއި ތަނަކާއި އެޖެންޑާ އަދި ރަޖިސްޓާކުރާނެ ގޮތުގެ ތަފުސީލު ކުރިއަށް އޮތް ހަފުތާގައި އާންމުކުރާނެ ކަމަށެވެ.
އެ އޮފީހުން ބުނި ގޮތުގައި އެ ކޮންފަރެންސްގައި ކުރީގެ ގަވަރުނަރު އަދި ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމާއި އެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މަހުމޫދު ރާޒީ ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ. އަދި، ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމައުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިނަލްއަގުވާމީ އޮބްޒާވަރުންވެސް ބައިވެރިވާނެ ކަމަށް ބުންޏެވެ.
އެ އޮފީހުން ބުނި ގޮތުގައި އެ ކޮންފަރެންސަކީ ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވި ދިގު ރާސްތާގައި ފަށާ ހަރަކާތެއްގެ ފެށުން ކަމަށެވެ.
"މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަކުރުމަށާއި ޕަބްލިކް އޮފިޝަލުންކުރެ އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާރުކުރުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް،" ނަޝީދުގެ އޮފީހުގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނީ، ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ މީހުންގެ މެދުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ބަލައި "ގަނޑަށް އެ ކަންކަން ތިރި ކުރެވޭނެ" ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ، އެ ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ވެސް ނަގާނެ ކަމަށާއި ލިޔެކިޔުން މުތާލިއާކޮށް، ގާނޫނީ އިސްލާހުތަކާއި ދެފުށް ފެންނަ އިޖުރާއަތްތަކާއި އުސޫލުތައް އަދި ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އިސްތިރާޖީ މަޝްވަރާތައް ކުރާނެ ކަމަށެވެ.
ކޮރަޕްޝަނާ ދެކޮޅު ކޮންފަރެންސެއް ބާއްވަން ނަޝީދު ނިންމެވި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ވަނީ ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު