ކުރީގެ ރައީސް އަބްުދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރި، އަބްދުﷲ މައުމޫނު (ގޭސް މާނު) މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެ 12 އަހަރާއި ނުވަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މާނުގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލާފައިވެއެވެ. އެއިން ކޮންމެ ކުށެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އެ ދައުވާ އުފުލާފައިވަނީ މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ތްރީޑީއެޗް އިންޓަނޭޝަނަލަށް ހަވާލުކުރުމަށް ފަހު އެ ކުންފުނިން އެކި ދުވަސްމަތިން، މާނުގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އަދި އާއިލާ މީހުންނަށް ފައިސާ ޖަމާކޮށްފައިވާ ހަތް މުއާމަލާތަކަށެވެ.

ފުރަތަމަ ދައުވާގައިވާ ގޮތުން 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު މާނުގެ ބީއެމްއެލް އެކައުންޓަށް 29،941.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

ދެވަނަ ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުން ދެވަނަ މުއާމަލާތް ހިންގާފައިވަނީ ހަމަ 2016 ވަނަ އަހަރުއެވެ. އެ މުއާމަލާތް ހިންގީ އެ އަހަރުގެ ޖޫން މަހުއެވެ. ޕީޖީން ތުހުމަތުކޮށްފައިވާ ގޮތުގައި މާނުގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. އަދި މާނުއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވެއެވެ.

ތިންވަނަ ދައުވާގައި ތުހުމަތުކޮށްފައިވާ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު މާނުއާ ގުޅުންހުރި ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 49،949.50 ޑޮލަރު ޖަމާކޮށްފައިވެއެވެ.

ހަތަރުވަނަ ދައުވާގައި ތުހުމަތުކުރާ ގޮތުން 09 އޭޕްރީލް 2017 ގައި މާނުއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ، އައި ޑިވެލޮޕާޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް 24،930 ޑޮލަރު ޖަމާކޮށްފައިވެއެވެ.

ފަސްވަނަ ދައުވާގައިވާ ގޮތުންނަމަ މުއާމަލާތް ހިނގީ 31 މެއި 2017 ގައެވެ. މާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓަނޭޝަނަލުން 46،555 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުންޏެވެ.

ހަވަނަ ދައުވާގައި ބުނާ ގޮތުން ހަ ވަަނަ މުއާމަލާތެއް ހިންގީ 23 އޮގަސްޓު 2017 ގައެވެ. އެގޮތުން އެ ދުވަހު މާނުއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓަނޭޝަނަލުން 49،955 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ތުހުމަތު ކުރެއެވެ.

ޕީޖީން މައުމޫނަށް ކުރާ ހަތްވަނަ ދައުވާގައިވާ ގޮތުން ހަތްވަނަ މުއާމަލާތެއްް ހިންގާފައިވަނީ 8 އޮކްޓޫބަރު 2017 ގައެވެ. ޕީޖީން ތުހުމަތުކުރާ ގޮތުން މާނުގެ އެއްބަފާ ބޭބެ ކ.މާލެ، ހ.ހެންވޭރުފެހި އަހްމަދު ހަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް، ތްރީޑީއެޗް އިންޓަނޭޝަނަލުން 34،950 ޑޮލަރު ޖަމާކޮށްފައިވެއެވެ.

އެ މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މާނުއާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ތުހުމަތުކުރެއެވެ.

ޕީޖީން މިއަދު ބުނީ، މާނުގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއްގެ ހުކުމް މިއަދު އިއްވާފައިވާ ކަމަށެވެ. އެގޮތުން އެ ދެ ދައުވާގެ ސާބިތުވާ ކަމަށް ކަނޑައަޅައި މާނު 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.

ޕީޖީން އިތުރަށް ބުނީ ބާކީ ފަސް ދައުވާގެ ހުކުމް އެހެން ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.

މާނުއަށް ދައުވާތައް އުފުލި އިރު، އޭނާ ހުރީ ރާއްޖެއިން ބޭރުގައެވެ. އެހެންވެ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ ކިބައިން ޕީޖީން އޭރު އެދިފައިވެއެވެ. އެ މައްސަލައާ ގުޅިގެން މާނު ރާއްޖެ އައުމާއެކު އޭނާ ފުރުންވެސް ވަނީ މަނާކޮށްފައެވެ.

މާނުގެ މައްޗަށް ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، މިދިޔަ ޖުލައި މަހު އޭނާގެ މައްޗަށް ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް 1،109،565.82 ރުފިޔާ ދައްކަން ސިވިލް ކޯޓުންވެސް ހުކުމްކޮށްފައެވެ.