ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރ. ފައިނުގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައި، އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.

އޭޓީއެމް ހިދުމަތް ތައާރަފުކުރުމަށް ފައިނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އެ ބޭންކުގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ގާއިމުކުރުމުގެ މުހިންމު ލަނޑުދަނޑިއެއް ހާސިލުވެފައިވާ ކަމަށެވެ އަދި. މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލުން އޭޓީއެމްގެ ހިދުމަތް ގާއިމުކުރި 16 ވަނަ އަތޮޅުކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މިއަދު ބީއެމްއެލުން ވަނީ ފައިނުގެ އިތުރުން ރ. އަތޮޅުގެ ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، ހުޅުދުއްފާރު، މާކުރަތު އިންނަމާދޫ އަދި ރަސްމާދޫގައިވެސް އޭޓީއެމްގެ ހިދުމަތް ފަށައިފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 188 ސެލްފްސާވިސް ބޭންކިން ސެންޓަރު، 246 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.