އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް ބޮޑުކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކްރެޑިޓް ކާޑުން މަހަކު ބޭނުން ކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެންގެ ކްލެސިކް ކާޑުގެ ލިމިޓް 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 2000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލުން ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓް ބޮޑުކުރަން ނިންމިއިރު މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރު ކުރަންވެސް ވަނީ ނިންމައިފަ އެވެ.

އެ ދުވަހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ވެސް ވަނީ ނިންމާފަ އެވެ.