ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ދައްކަން ޖެހޭ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާކުރުވުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، ރައީސް މައުމޫނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ ބާތިލުކުރަން އެ މަނިކުފާނުގެ އެދިވަޑައިގެންފިއެވެ.
އެމްޓީސީސީން ޑީއާރުޕީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އެމްޓީސީސީން 1.1 މިލިއަން ރުފިޔާގެ ހިދުމަތް ޑީއާރުޕީއަށް ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އެ ޕާޓީން ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
ޑީއާރުޕީން އެމްޓީސީސީއަށް ދައްކާން ޖެހޭ މި ދަރަންޏަށް މައުމޫން ޒިންމާކުރުމަށް އެމްޓީސީސީގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި އެ ދަރަންޏަށް މައުމޫނު ޒިންމާ ނުކުރެވޭނެ ކަމަށް 2023 ވަނަ އަހަރުގެ ޖޫން މަހު ސިވިލް ކޯޓުން ވަނީ ނިންމައިފައެވެ. އެ ނިންމުމާ ގުޅިގެން އެ ހުކުމް އިސްތިއުނާފު ކުރުމަށް އެމްޓީސީސީން ހައިކޯޓަށް ހުށަހެޅީ 8 ޖޫން 2024 ގައެވެ.
އެ މައްސަލައިގައި ހައިކޯޓުގައި މައުމޫނުގެ ފަރާތުން އިޖުރާއީ އިއުތިރާޒެއް ހުށަހެޅުއްވިއެވެ.
އޭގައި ހިމެނެނީ މިއިން ގަޒިއްޔާއެއް ސިވިލް ކޯޓުގައި ކުރިއަށްގެންދިޔައިރ،ު މިއިން އެއްވެސް ގަޒިއްޔާއެއްގައި މައުމޫނަކީ ހަސްމެއްވެސް ނޫންކަމަށާއ،ި އަދި އެއްވެސް ގަޒިއްޔާއަކަށް ޖަވާބުދާރީވެވަޑައިގަތުމަށް އަންގާފައި ނުވާކަމަށާއ،ި އެހެންކަމުން އެއްވެސް ސިފައެއްގައި ހަސްމެއްގެ ގޮތުގައި ނުހިމެނޭ ދަށު ކޯޓުގެ މައްސަލަތަކެއް އިސްތިއުނާފީ މަރުހަލާއަށް އައުމުން އިސްތިއުނާފީ މައްސަލަ އެ މަނިކުފާނަށް ރައްދު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.
ނަމަވެސް މައުމޫނުގެ ފަރަތުން ހުށަހެޅުއްވި އިޖުރާއީ އިއުތިރާޒަށް ރިއާޔަތްކޮށް އެމްޓީސީސީން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެެރއިން އެ ނުކުތާއަށް މައުމޫނުގެ ފަރާތުން ޖަވާބުދާރީވާން ޖެހޭކަމަށް ނިންމައި 20 ދުވަހުގެ މުއްދަތެއް ދިނުމަށް ހައިކޯޓުން ނިންމިއެވެ.
ރައީސް މައުމޫނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައިކޯޓުގެ މި ނިންމުމެވެ. ނަމަވެސް އޭގެ ފަހުން އެމްޓީސީސީން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އަނބުރާ ގެންދިޔައެވެ.
ހައިކޯޓުން އާންމުކުރި "ދައުވާ ފޯމު ބާތިލުކުރި ރިޕޯޓު" ގައިވާ ގޮތުން އެމްޓީސީސީން ވަނީ އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި އެ މައްސަލަ އަނބުރާ ގެންނަން ބޭނުންވާ ކަމަށް ބުނެ މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހައިކޯޓަށް ސިޓީއެއް ފޮނުވައިފައެވެ.
އެހެންވެ ހައިކޯޓުގެ ގަވާއިދުގެ ދަށުން އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރުމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުން ވަނީ އިއްތިފާގުވެފައެވެ.
ރައީސް މައުމޫނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް މައްސަލައިގެ މިއަދުގެ އަޑުއެހުމަކީވެސް އެ މައްސަލަ ބާތިލުކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް މައުމޫނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާތީ ބޭއްވި އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި މައުމޫނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުއްވުމާބެހޭގޮތުން ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވުމުން ރައީސް މައުމޫނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް، ވިދާޅުވީ، އެ މައްސަލަ ބާތިލުކޮށްދެއްވުމަށް މި އަހަރުގެ ޖުލައިމަހުގެ ހަ ވަނަ ދުވަހު މައުމޫނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދުނީ މި މައްސަލައަކީ ހައިކޯޓުގައި ކުރިއަށްދާ މައްސަލައަކަށް ވާތީ، ހައިކޯޓަށް ހުށަހެޅި މައްސަލަ، އިސްތިއުނާފުކުރި އެމްޓީސީސީން އެދިގެން އެ މައްސަލައިގެ ފޯމް ބާތިލުކޮށްފައިވާތީ ކަމަށެވެ.
އެހެންކަމުން މި މައްސަަލަ ސުޕްރީމްކޯޓުގައި އިތުރަށް ކުރިއަށް ގެންދަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ މައްސަލަ ބާތިލުކުރަން ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޓީސީގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ވެސް މިއަދު ސުޕްރީމްކޯޓުގައި ވިދާޅުވީ، މައުމޫންގެ ފަރާތްޕުޅުން ހުށަހެޅުއްވި އިސްތިއުނާފީ މައްސަލަ ބާތިލު ކުރަން ރައީސް މައުމޫނުގެ ފަރާތުން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވާކަމަށެވެ.
އެކަމާ ގުޅިގެން މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގައި ކޯޓުން ނިންމާ ގޮތެއް އަންގަވާނެ ކަމަށެވެ. އެހިސާބުން އަޑުއެހުން ވަނީ ނިންމަވައިލައްވައިފައެވެ.
އިބްރާހިމް ޒަކީ
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް