އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން އާ ފައިނޭންސިން ހިދުމަތެއް ތައާރަފުކޮށް، ލޯނަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއި ލޯނު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން އެސްޑީއެފްސީން ދޫކުރާ ލޯނު ސްކީމުގެ ދަށުން 500,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެސްޑީއެފްސީން ބުނީ ކްރިއޭޓިވް އިކޮނޮމީ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ، އެ ފެސިލިޓީގެ ދަށުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި ފިލްމު އުފައްދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތައް ތަރައްގީކުރުމަށާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދެވޭނެ ކަމަށެވެ.
ކޮންޓެންޓް ކްރިއޭޓަރު ފައިނޭންސިންގެ ދަށުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުން، އިންފްލުއެންސަރުން، އަދި ވީޑިއޯގްރާފަރުންނަށް ރަހުނަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭ އިރު، ރަހުނެއް ހުށަހަޅައިގެން 500,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.
އެސްޑީއެފްސީން ބުނީ އަހަރަކު 9.5 އިންސައްތައިގެ ފައިދާ ރޭޓެއްގައި، ގިނަވެގެން ފަސް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފެސިލިޓީ އަނބުރާ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި، ހަ މަސް ދުވަހަށްވުރެ ދިގުނޫން ގްރޭސް ޕީރިއަޑެއްވެސް ހިމެނޭ ކަމަށެވެ. އަދި އެ ފައިނޭންސިން މެދުވެރިކޮށް އިކުއިޕްމަންޓް ހޯދުމާއި، ޕްރޮޑަކްޝަން ހަރަދުތައް ހަމަޖެއްސުމާއި، ކްރިއޭޓިވް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ހަރަދުތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީއަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުންދާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާ ކަމަށާއި ދިވެހި ޒުވާނުންނަކީ އެ ހަރަކާތުގެ އެންމެ ކުރީ ސަފުގައި ތިބި ބައެއް ކަމަށެވެ.
"މި ފައިނޭންސިންގ ފެސިލިޓީއާއެކު، އަޅުގަނޑުމެން ބޭނުންވަނީ ކޮންޓެންޓް ކްރިއޭޓަރުންނާއި، ފިލްމު އުފައްދާ ފަރާތްތަކާއި، ޑިޖިޓަލް ކްރިއޭޓަރުންނަށް، ދުނިޔޭގެ މަސްރަހުގައި ދިވެހިންގެ ކްރިއޭޓިވިޓީ ދައްކުވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބޭނެކަން ކަށަވަރުކުރުން. މިއީ ހަމައެކަނި ފައިނޭންސިން ޕްރޮޑަކްޓެއް ނޫން، މިއީ ހުނަރުވެރިކަމާއި، އާ ކްރިއޭޝަންސްއަށް ފުރުސަތު ފަހިކޮށްދީ އަދި ރާއްޖޭގެ އިގުތިސާދުގެ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް،" ބަދުރުއްދީން ވިދާޅުވިއެވެ.
އެ ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން