ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކޯޕަރޭޝަންގެ ބޭނުމަށް ކުރެވިފައިވާ އެންމެހައި ޕްރޮކިއުމަންޓް މުޢާމަލާތްތައް ކުރިއަށް ގެންގޮސްފައިވާނީ ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހައި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން އެކަށައަޅުއްވާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށް އެކުންފުނީގެ އޭރުގެ އެމްޑީ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ފެނަކައިން 2021 އިން 2023 އަށް ހިދުމަތާއި ތަކެތި ހޯދަން ފައިސާ ހަރަދުކޮށްފައިވާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އޮޑިޓް ރިޕޯޓަށް ރައްދުދެއްވަމުންނެވެ. އެ ރިޕޯޓުގައިވާ ގޮތުން ހިދުމަތާއި ތަކެތި ހޯދަން އެ މުއްދަތުގައި އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައިކަން ވަނީ ހާމަވެފައެވެ.
އެ ރިޕޯޓަށް ރައްދު ދެއްވައި މިއަދު ސައީދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ހިދުމަތެއް، ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއްވިޔަސް ދިފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
"އަދި ހަމައެހެންމެ، ދެންނެވުނު މުއްދަތުގައި [މަގާމުގައި ހުންނެވި މުއްދަތު] އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުން ކޮށްފައި ނުވާނެކަމާއި. ނުހައްގު އެއްވެސް މަންޕާއެއް ވެސް ހޯދާފައިނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެމެވެ. އަޅުގަނޑު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހޭދަ ކުރި 5 އަހަރު ދުވަހުގެ މުއްދަތުގައި ފެނަކައިން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގެ މަތިން, ސިޔާސީ ކުލައެއް ނުޖެހި, ބެލުމަށް މިނިވަން މުއައްސާސަތަކަށް ގޮވާލަމެވެ." ސައީދުގެ ބަޔާނުގައި ބުނެފައިވެއެވެ.
ސައީދު ވިދާޅުވީ އެކަމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރިޕޯޓަކީ އޮޑިޓް އޮފީސް ފަދަ މިނިވަން މުސްތަގިއްލު މުއައްސަސާއަކުން, އެފަދަ ރިފޯޓެއް ނެރޭ އިރު, ކުންފުނިން ލިބެން ހުރި ހަގީގީ މައުލޫމާތު ލިބެން ހުރެމެ, އެ މައުލޫމާތުތައް ނުހޯދައި އަދި ސައީދު މިދުނިޔޭގައި ހުރި އިރު އޭނާގެ ފަރާތުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުހޯދައި ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.
އަދި ރައްޔިތުންގެ ހިތުގައި ނުތަނަތަސްކަމާއި ކަމުގެ ހަގީގަތް އޮޅޭގޮތަށް މިފަދަ ދަނޑިވަޅެއްގައި ރިފޯޓްތައް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި މުއައްސަސާތަކުގެ މިނިވަންކަމާ މެދު ދިވެހި ރައްޔިތުން ސުވާލު އުފައްދާނޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ޒަމާނުއްސުރެ ރައްޔިތުންނަށް ތަކްލީފުތަކަކަށް ވެފައި އޮތް ގެދަބުޅި އިންޖީނުގެތަކާއި ދިގު ގޮނޑީގެ އޮފީސްތަކާއި ބޮނބިނަރު ނެޓްވޯކްތައް އެންމެ ޒަމާނި ފެންވަރަށް ބަދަލުކޮށް, އިރުއިރުކޮޅާ ކެނޑެމުންދިޔަ ކަރަންޓްގެ ހިދުމަތް، ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ކަށަވަރު ކުރެވުނު ކަމުގެ އުފާ އަދިވެސް ލިބެއެވެ،" ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ އޮޑިޓާ ޖެނަރަލް ފަދަ މިނިތަން މުއައްސަސާއަކުން ނެރޭ އެފަދަ ރިފޯޓްތައް ވާންވާނީ, ސިޔާސީ ނުޕޫޒުން އެއްކިބާވެ ތިބެ ނެރެވޭ މިނިވަން ދެފުށް ފެންނަ ރިފޯޓްތަކެއް ކަމަށެވެ. އެހެން ނޫންނަމަ އެ އޮފީހާ ދޭތެރޭ އާންމުންގެ އިތުބާރު ގެއްލޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އާއިޝަތު މާހާ
އަހުމަދު ސައީދު ފެނަކައިގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު
އަހުމަދު ސައީދު ފެނަކައިގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު