އަންނަ މަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ފެށޭއިރަށް އެސެޓް ރިކަވަރީގެ ނަމުގައި ސަރުކާރުން މަޖިލީހަށް މުޅިން އާ ބިލެއް ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިިދިޔަ ދުވަސްތަކުގައި ހިންގާފައި ހުރި ބޮޑެތި ކޮރަޕްޝަންތަކާއި ވައްކަމުގެ މައްސަލަތައް ބަލާ ނިމޭއިރު އޭގައި ހިމެނޭ ފަރާތްތައް ދައްކަންޖެހޭ އެއްވެސް އެއްޗެއް ހޯދޭނެ ގޮތެއް ނެތް ކަމަށެވެ. މިސާލެއްގެ ގޮތުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ރައީސް ފާހަގަކުރެއްވި އެވެ.

"މިހާރު އޮތް ނިޒާމުގެ ތެރެއިން ނުހޯދޭ. ކޮންމެސް ކަހަލަ ގޮތަކުން އެފަރާތްތަކަށް ފުރުސަތު ލިބޭ އެބަ މިކަންކަން މަޑުޖައްސާލަން. އެހެންވީމަ އަޅުގަނޑުމެން މި ހުށަހަޅާނީ އެސެޓް ރިކަވަރީ ގާނުނެއް ތައާރަފްކުރުމަށްޓަކައި ބިލެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ބިލު މަޖިލީހުން ފާސްކޮށް އެމަނިކުފާނަށް ފޮނުވާ ދުވަހު ބިލު ތަސްދީގުކުރާނެ ކަމަށެވެ.

"އެ ބިލު ގާނޫނަށްކަށް ވާ ދުވަހުން ފެށިގެން މީގެކުރިން މިކަހަލަ ބޮޑެތި ވައްކަންތައްކޮށްފައި ތިބި ހުރިހާ އެންމެންގެ ފަހަތުން ވަރަށް ބާރަށް ދާނެ ސަރުކާރުގެ އިދާރާތަކުން، އަޅުގަނޑަކަށް މުހިންމެއްނޫން އެއްވެސް މީހަކު، ދައުލަތުގެ ރައްޔިތުންގެ ފައިސާ ފޮރުވައިގެން ހޯދައިގެން އުޅޭކަށް އަޅުގަނޑު ފުރުސަތު ދޭނެ ކަމެއް ނޫން. އެއީ އަޅުގަނޑަށް ލިބިފައި އޮތް ހައްގެއްވެސް ނޫން، އަޅުގަނޑުގެ ޒިންމާއަކީ އަޅުގަނޑުކޮށްފައިހުރި ހުވަޔާއެއްގޮތަށް ކަންކަން ކުރުން،" ރައީސް ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ބިލެއް މަޖިލީހަށް ހުށަހަޅުއްވަން ނިންމާފައިވާކަން ރައީސް އިއުލާނުކުރެއްވިއިރު 2021 އިން 2013 އަށް މުދަލާއި ހިދުމަތް ހޯދުމުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކޮރަޕްޝަނާ ގުޅޭ އޮޑިޓް ރިޕޯޓް ރޭވަނީ އާންމުކޮށްފަ އެވެ.