އުރީދޫ މޯލްޑިވްސް އިން ލައިވް މިއުޒިކް ޝޯއަކާއެކު، މިރޭ އައިފޯން 17 ދޫކުރަން ފެށުމަށް ނިންމައިފިއެވެ.
އެ ލައިވް މިއުޒިކް ޝޯ އުރީދޫ މޯލްޑިވްސްގެ އޮފީސް ކުރިމަތީ މިހާރު ކުރިއަށްދާ އިރު، މިރޭ 11:30 ގެ ނިޔަލަށް އެ ޝޯ ކުރިއަށްދާނެއެވެ.
އުރީދޫން ބުނީ އެ ޝޯއަށްފަހު ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް މިރޭ 12:01 އިން ފެށިގެން، އައިފޯން 17 ދޫކުރާނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން އެޕަލްގެ އެންމެ ފަހުގެ އައިފޯން ކަމުގައިވާ އައިފޯން 17، ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހު އުރީދޫން ވަނީ މޫލީ މެދުވެރިކޮށް އައިފޯން އެއާ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް ހުޅުވާލައިފައެވެ.
އެޕަލް އިން މިމަހުގެ ނުވަވަނަ ދުވަހު ވަނީ އާ އުފެއްދުންތައް ދައްކާލައިފައެވެ. އެ އާ އުފެއްދުން ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އާ އައިފޯނުގެ އިތުރުން އެންމެ ފަހުގެ އެޕަލް ވޮޗާއި އެއާޕޮޑެވެ.
އެޕަލްގެ އާ ފޯނު، އައިފޯން 17 އަކީ އެ ކުންފުނިން އުފެއްދި އެންމެ ބާރުގަދަ ފޯނެވެ. އާ ޗިޕެއް އެކުލެވޭ އެ ފޯނުގެ ބެޓެރިއަކީ މިހާތަނަށް އެޕަލްގެ ފޯނެއްގައި ހިމެނި އެންމެ ބޮޑު ބެެޓެރިއެވެ.
ފަސް ކުލައެއްގެ އައިފޯން 17 ދައްކާލި އިރު، އޭގެ ތެރޭގައި ހިމެނެނީ ލެވެންޑާއާއި މިސްޓް ބްލޫގެ އިތުރުން ކަޅާއި ހުދު އަދި ސޭޖް އެވެ.
އައިފޯން 17ގެ ކެމެރާ އަކީވެސް ފާހަގަކޮށްލެވޭ ކެމެރާއެކެވެ. އައިފޯން 16 އަށްވުރެ އައިފޯން 17ގެ ކެމެރާ ހަތަރު ގުނަ ރިސޮލިއުޝަން މަތިވާނެ ކަމަށް އެޕަލް އިން ބުނެއެވެ.
އެޕަލް އިން ވަނީ އައިފޯން 17ގެ އިތުރުން 17 ޕްރޯވެސް ދައްކާލައިފައެވެ.
އައިފޯން 17 ގެ އިތުރުން އެޕަލް އިން ވަނީ އައިފޯނުގެ މިހާތަނަށް ނެރުނު އެންމެ ފަތި ފޯނު ވެސް ދައްކާލައިފައެވެ. އައިފޯން އެއާގެ ނަމުގައި އެޕަލް އިން ދައްކާލި އެ ފޯނަކީ 5.6 މިލިމީޓަރު ބޯމިން ހުންނަވަރުގެ ފޯނެކެވެ. އެޕަލް އިން ވަނީ އައިފޯން އެއާގެ ހަތަރު ކުލައެއް ބާޒާރަށް ނެރުމަށް ނިންމައިފައެވެ.
އެޕަލް އިން ދައްކާލި އެންމެ ފާހަގަކޮށްލެވޭ ޕްރޮޑަކްޓަކީ އެއާޕޯޑް ޕޮރޯ3 އެެވެ. އެޕަލްގެ އެއާޕޮޑް 3ގައި ހިތުގެ ވިންދު ބަލައިލެވޭނެ ޓެކްނޮލޮޖީ ހިމަނާފައިވެއެވެ. ކަސްރަތު ކުރަމުންދާއިރު ކެލޮރީ އަނދަމުންދާވަރުވެސް ބުނެދޭނެ ކަމަށް އެޕަލް އިން ބުނެއެވެ. އޭގެ އިތުރުން އެއާޕޮޑް ޕްރޯގައި ވަގުތުން ޓްރާންސްލޭޓް ކުރެވޭ ޓެކްނޮލޮޖީވެސް އެޕަލް އިން ވަނީ ހިމަނައިފައެވެ.
އެޕަލް އިން ވަނީ އެޕަލް ވޮޗްގެ ތިން ވޮޗެއް ވެސް ދައްކާލައިފައެވެ. އެގޮތުން އެޕަލް ވޮޗް ސީރީސް 11 އާއި އެޕަލްވޮޗް އަލްޓްރާ 3 ގެ އިތުރުން އެޕަލް ވޮޗް އެސްއީ3 ދައްކާލިއެވެެ.
އެޕަލް ވޮޗް ސީރީސް 11 ގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ އަޅައިގެން ހުންނަ އިރު، ލޭގެ ޕްރެޝަރު މޮނިޓާ ކުރެވުމެވެ. އެގޮތުން ޕްރެޝަރު މައްޗަށް ދާނަމަ އެޕަލް ވޮޗް އިން އެލާޓް ކުރާނެއެވެ. އޭގެ އިތުރުން ސްލީޕް ސްކޯ ފީޗާ ވެސް ހިމެނޭނެ ކަމަށް އެޕަލް އިން ބުނެއެވެ.
އެޕަލްވޮޗް އަލްޓްރާ 3 ގައި ފާހަގޮކޮށްލެވެނީ އޭގައި ކުރިއަށްވުރެ ބޮޑު ސްކްރީނެއް ހިމެނުމުގެ އިތުރުން ސެޓަލައިޓް ކަނެކްޓިވިޓީއެވެ. އަދި ފައިންޑް މައި އަށް އިތުރު ފުރިހަމަކަމެއް ގެނެސްފައިވާނެ ކަމަށްވެސް އެޕަލް އިން ބުނެއެވެ. މިފަހަރު ނެރޭ އެޕަލްވޮޗް އަލްޓްރާ 3ގައި 42 ގަޑިއިރު ހިފަހައްޓާލެވޭ ބެޓަރީއެއް ހިމެނޭނެއެވެ.
އެޕަލް ވޮޗް އެސްއީ3 ގައި އާ ޗިޕެއް ހިމެނިފައިވާ އިރު، އެ ވޮޗްގައި ސިއްހަތާ ގުޅޭ އާ ކަންތައްތަކެއް ވެސް ހިމެނޭކަމަށް އެޕަލް އިން ބުނެއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް