ތ. އަތޮޅު ކިނބިދޫގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ތައުލީމާއި ކުޅިވަރާބެހޭ މަޝްރޫއުތަކުގެ އަމަލީ މަަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކިނބިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކިނބިދޫގައި ކުރިއަށްގެންދަން ނިންމާފައިވާ އެންމެ މުހިއްމު މަސައްކަތަކީ ތައުލީމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންތައްތައް ކަމަށެވެ.

އެ މަސައްކަތްތަކުގެ ތެރޭގައި ސްކޫލްގައި މަލްޓިޕާޕަސް ހޯލާއި ކްލާސްތަކާއި ސްކޫލަށް ބޭނުންވާ އެހެނިހެން އިންފްރާންސްޓްރަކްޗާ މަސައްކަތްތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަންތައްތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރައްވާނެ ކަމަށެވެ.

ހަމައެގޮތަށް އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރާބެހޭ މަޝްރޫއުތައް ވެސް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް އަމަލީ މަސައްކަތް ފައްޓަވާނެއެވެ.

ކުޅިވަރުގެ ދާއިރާއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫއުގެ ތެރޭގައި ހިމެނެނީ، އެރަށުގައި ހަދާފައިވާ ފުޓުބޯޅާދަނޑު އިތުރަށް ތަރައްގީކުރުމަށް އެތަނުގެ ވަށާފެންސް ޖެހުމާއި ލައިޓްޖެހުމާއި ސިޑިބަރި އާއި ޗޭންޖިންރޫމު ހިމެނޭގޮތަށް ތަރައްގީކުރުމެވެ.

އޭގެ އިތުރުން އެރަށުގެ ފުޓްސެލް ދަނޑުގެ ޓާފް ބަދަލުކޮށް، ފުޓްސެލް އާއި ހޭންޑްބޯލް ކުޅެވޭގޮތަށް ހެދުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.