ތ. އަތޮޅު އޮމަދޫއަށް އެންމެ ބޮޑަށް ބޭނުން ވެފައިވާ އެރަށު، ފެނާއި ނަރުދަމާގެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކޮށްގެންވެސް ކުރިއަށް ގެންދަވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތ. އަތޮޅުގެ ރަށްތަކަށް ފަައްޓަވާފައިވާ ދަތުރުފުޅުގައި އެއަތޮޅު އޮމަދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެރަށު ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް އަދިވެސް އޮތީ މީގެ ކުރިން އެމަނިކުފާނު އެރަށަށް ވަޑައިގެންނެވި ހިސާބުގައި ކަމަށެވެ.

"އެންމެބޮޑު ކަންތައް ކޮށްދިނުުމުގައި ލަސްވެގެން ހިނގައްޖެ، ފެނާއި ނަރުދަމާގެ މަޝްރޫއަކީ ކުރިން ތިބޭފުޅުންނާ ބައްދަލުވުވިއިރުވެސް އެހިސާބުގައި އޮތް މައްސަލައެއް،"

ރައީސް ވިދާޅުވީ އެ މަސައްކަތަކީ އަމިއްލަ ކުންފުންޏަކުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި އެފަރާތަށް ދޭންހުރި ހުރިހާ ފައިސާއެއް މިހާރު ދީފައިވާ ކަމަށެވެ. އޭގެ އިތުރުން އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތް ހައްދަވައިދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެމީހުން އެމަސައްކަތް ނުކޮށް ތިބެން ޖެހޭނެ ސަބަބެއް ނޯންނާނެ ކަަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ވިދާޅުވީ، އެގްރީމެންޓް ކެންސަލްނުކޮށް، އެ މީހުންލައްވައި އެމަސައްކަތްކޮށް ނިންމާލެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.

"އެމީހުން އެމަސައްކަތްކޮށް ނިންމޭނެ ގޮތެއް ހެދޭތޯ މިބަލަނީ، އެގޮތަށް ކުރިއަށްނުގެންދާނަމަ ގާނޫނުގައިވާ ގޮތުގެމަތިން އެގްރީމެންޓަށް ނިމުމެއް ގެންނަނާނަން، ނިމުމެއް ގެނެސްގެންވެސް ރަނގަޅު އެހެން ކުންފުންޏަކާ ހަވާލުކޮށްގެންވިޔަސް މަސައްކަތް ނިންމާނަން،"