ތ. ވިލުފުށީގައި 100 ހައުސިން ޔުނިޓު ހެދުމުގެ މަޝްރޫއެއް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މިހާރު ގޯތި ދޫކޮށްފައި ހުރި ފަރާތްތަކުގެ ގޯތިތަކުގައި ގެ ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭގޮތަށް 100 ހައުސިން ޔުނިޓު ހެދުމުގެ މަޝްރޫއެއް ކުރިއަށްގެންދަވާނެ ކަމަށެވެ.

"އިތުރަށް 100 ހައުސިން ޔުނިޓު އެޅުމުގެ ވާހަކަ މި ދެންނެވީ. އެހެންވީމާ އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވަންޏާ، މި 100 ހައުސިން ޔުނިޓުގެ ތެރެއިން ކަނޑައެޅިދާނެ އަދަދެއް. އަދި މި ހުރިހާ ހައުސިން ޔުނިޓުތައް ވެސް އެޅިދާނެ 100 ގޯތި އޮތިއްޔާ 100 ގޯތި. އެގޮތަށް ބޭނުންވަންޏާ، އެ ރައްޔިތަކު ބޭނުންވާ ގޮތަކަށް ކަނޑައަޅާނީ. ޖުމުލަ 100 ހައުސިން ޔުނިޓުގެ މަޝްރޫއެއް ކުރިއަށްގެންދަން އަޅުގަނޑުމެން އެއޮތީ ނިންމާފައި، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދާފައި އެ މަޝްރޫއު ކުރިއަށްގެންދަން ބޭނުންވާ ގޮތް ކައުންސިލުން މިނިސްޓްރީއަށް ދަންނަވަންވީ ކަމަށާއި އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ ފަރާތްތަކުގެ ލިސްޓެއް ހަދަންޏާ ލިސްޓެއް ހަދައި ހުށަހަޅަންވީ ކަމަށެވެ.

"އޭރުން މި 100 ހައުސިން ޔުނިޓު އެއްކޮށް ވެސް ގޯތިގޯތީގައި އަޅައި ވެސް ނިންމައިލެވިދާނެ. އެހެންވީމާ އިރާދަކުރެއްވިއްޔާ މި މަޝްރޫއު ވެސް ކުރިއަށްގެންދެވޭނެ. މިއީ އެއް ކަންތައް، ދެން ހަމަ މުޅި ރާއްޖެއަށް ޝާމިލުވާ ގޮތަށް އަޅުގަނޑުމެން މި ކުރިއަށްގެންދާ ފަސް ޕަސަންޓުގެ އިންޓަރެސްޓުގެ ލޯނު ސްކީމު ހަމަ މި ރަށަށް ވެސް ޝާމިލުވާނެ. އެ ލޯނު ސްކީމުން ވެސް ލޯނު ލިބޭ ފަރާތްތަކަށް ގެ އެޅޭނެ އަމިއްލަ ގޯތީގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސުނާމީ ހާދިސާއާ ގުޅިގެން ހަދަން ފެށި 100 ހައުސިން ޔުނިޓުގެ މަޝްރޫއެއް ވެސް ހިމެނޭ ކަމަށާއި ނަމަވެސް އެތައް އަހަރެއްވެގެންދިޔަ އިރުވެސް އެތަނުގައި ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތްތައް ފުރިހަމަވެފައި ނުވާ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމައި، ކައުންސިލުން ބޭނުންވާ ގޮތަކަށް ކުރިމަތިލާން ހުޅުވާލައި އެ ގެތައް ލިބޭ މީހުން ހޮވިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.