ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވެވި ހިތާބުގައި ވިދާޅުވީ އަންނަ އަހަރު ބައްދަލުކުރާނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިންމު މުނާސަބާ ކަމަށާއި އެއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީގީ ދުވަސްކަމާމެދަކު ޝައްކެއްނެތް ކަމަށެވެ.

"މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ގައުމީ ރޫޙު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ހަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރާ ވާހަކަ މި ފުރުސަތުގައި ވަރަށް އުފަލާއެކު ދަންނަވަމެވެ..،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުން ކަމަށެވެ. އަދި މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވީ ހާދިސާއިން ހާސިލުވާ އިބުރަތްތައް ގިނަގުނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ދުވަހުއްސުރެ، ނުވަ ގަރުނު ފާއިތުވާން މިދަނީ، ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ދިވެހީން ތިބެއެވެ. އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ، އަދި އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު އަޒުމާއެކުއެވެ..،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ވޭތުވި ނުވަ ގަރުނުގެ ތެރޭ، ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއްކަމަށް، ދިވެހީންނާ މެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިހުން އެއްބަސްވާ ކަމަށެވެ.

ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަހުލާގުގެ އެ ރީތި ސިފަތަކާވެސް އެކު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.