ތ. މަޑިފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަޑިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި މަޑިފުށީ ކައުންސިލުގެ މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ 1459 މީހުންގެ އާބާދީއެއް ދިރިއުޅޭ މަޑިފުށީ ރައްޔިތުންނަށްޓަކައި އެ ރަށުގައި ފެށިގެންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފުރިހަމަވުމާއެކު، މަޑިފުށި ރައްޔިތުންނަށް ސިއްހީގޮތުންނާއި އިޖުތިމާއީގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތްކުރުމާއި، ފުރާޅާއި، ދަވާދު ލުމުގެ މަސައްކަތްތަކާއި، ބޭރު ފަރުމާކުރުމުގެ މަސައްކަތްތައް ކުރެވޭނެއެވެ. އެ މަޝްރޫއަކީ 5.34 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.