އީ-ވޭސްޓް ހެކަތޯން ބޭއްވުމަށް ދިވެހި ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު ދިރާގުން ބައިވެރިވެއްޖެއެވެ.

އެ ހެކަތޯންގެ މަގުސަދަކީ ރާއްޖެއަށް ދިމާވެފައިވާ އީ-ވޭސްޓްގެ މައްސަލަ ހައްލުކުރުމަށް ޒުވާނުން ހޭލުންތެރިކުރުވުމެވެ.

ދިރާގުން ބުނީ މިމަހުގެ 28 އިން އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ހެކަތޯންގައި ދަރިވަރުންނާއި، އުފެއްދުންތެރި ޒުވާނުން އަދި ތިމާވެށި ހިމާޔަތްކުރުމަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް އީ-ވޭސްޓް މަދުކުރެވޭނެ ގޮތްގޮތާމެދު މަޝްވަރާކުރެވޭނެ ކަމަށެވެ. އެ ހެކަތޯން އަމާޒުކުރެވިފައިވަނީ ސާނަވީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި، ކޮލެޖު އަދި ޔުނިވާސިޓީ ދަރިވަރުންނަށް ކަމަށް ދިރާގުން ބުންޏެވެ.

އީ-ވޭސްޓް އަކީ އުކާލެވޭ ކަރަންޓު ނުވަތަ އިލެކްޓްރޯނިކް އާލާތްތަކަށް ކިޔާ ނަމެކެވެ. އޭގެ ތެރޭގައި އުކާލެވޭ ކޮމްޕިއުޓަރާއި، ފޯނު، ޓީވީ، ފްރިޖު، ބެޓެރީ އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނުތައް ހިމެނެއެވެ. އީ-ވޭސްޓްއަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އަދި އަލަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. އަދި އީ-ވޭސްޓް ހެކަތޯންގެ މަގުސަދަކީ މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ގެނައުމާއެކު، ޒުވާނުން މި މައްސަލައަށް އައު އަދި އުފެއްދުންތެރި ހައްލުތައް ހޯދުމަށް ބާރުއެޅުމެވެ.

ދިރާގުން ބުނީ "އިނޮވޭޓިން ފޯ އަ ސާކިއުލާ އިކޮނޮމީ: ޓެކްލިން ދަ އީ-ވޭސްޓް ކްރައިސިސް" ތީމްގެ ދަށުން ކުރިއަށްގެންދާ އެ ހެކަތޯންގައި އީ-ވޭސްޓް ބޭނުންކޮށްގެން އެހެން ތަކެތި އުފެއްދޭނެ ގޮތްގޮތާއި، ދެމެހެއްޓިނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ގޮތްގޮތާ މެދު މަޝްވަރާކުރުމަށްފަހު ހައްލުތައް ހޯދުމަށް ބައިވެރިންނާ ހަވާލުކުރެވޭނެ ކަމަށެވެ.

އެ މައްސަލަތަކަށް ހައްލުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ މާހިރުންނާއެކު ވޯކްޝޮޕްތައް ހިންގައި، އެ ފަރާތްތަކުން އިރުޝާދު ފޯރުކޮށްދޭނެ ކަމަށާއި އަދި، އެ ހައްލުތައް ޖަޖުންގެ ޕެނަލްއަށް ހުށަހެޅުމުގެ ކުރިން، ކުނި މެނޭޖްކުރާ ތަންތަނާއި ރީސައިކަލް ސެންޓަރުތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

އެ ހެކަތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް، ޑިޖިޓަލް އިޖާދުތަކާއި ސަސްޓައިނަބިލިޓީ ކުރިއެރުވުމަށް ހިންގާ މިފަދަ މުހިންމު ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.