މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވެވި ހިތާބުގައި ވިދާޅުވީ މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވީ ހާދިސާއިން ހާސިލުވާ އިބުރަތްތައް ގިނަގުނަ ކަމަށެވެ.

އެ ދުވަހުއްސުރެ، ނުވަ ގަރުނު ފާއިތުވާން މިދަނީ، ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ދިވެހީން ތިބެ ކަމަށާއި އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ، އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު އަޒުމާއެކު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، އުމްރާނީ ތަރައްގީ ގައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުމެވެ. ތައުލީމާއި ތަރުބިއްޔަތު ދަރީންނަށް ދިނުމެވެ. އެކަކު އަނެކަކާ ރީތި ބަހުން މުހާތަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމެވެ..،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ވޭތުވި ނުވަ ގަރުނުގެ ތެރޭ، ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއްކަމަށް، ދިވެހީންނާ މެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިހުން އެއްބަސްވާ ކަމަށެވެ.

ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަހުލާގުގެ އެ ރީތި ސިފަތަކާވެސް އެކު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަންނަ އަހަރު ބައްދަލުކުރާނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިންމު މުނާސަބާ ކަމަށާއި އެއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީހީ ދުވަސްކަމާމެދަކު ޝައްކެއްނެތް ކަމަށެވެ. އަދި އެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ގައުމީ ރޫހު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ހަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.