މާލޭގެ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ޖަހައި ވައްޓައިލި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގެ ދައުވާގައި ވަނީ މިދިޔަ ޖެނުއަރީމަހުގެ 22 ވަނަ ދުވަހު ޏ. ފުވައްމުލަކު ދަނޑިމަގު ސައިކަސް އާއިޝަތު ސިމާނާ މަޖީދީމަގުން އިރުން ހުޅަނގަށް ޕޭމަންޓްމަތިން "ރެޑްވޭވް އެކްސްޕްރެސް" ކައިރިން ހިނގާފައި ދަނިކޮށް، ހ. ހަތްކޮޅު މުހައްމަދު ޝާފީގެ ވައަތުފައިން ސިމާނާގެ ގައިގައިޖެހި ކަމަށެވެ. އެކަމުގެ ސަބަބުން ސިމާނާ ބިންމައްޗަށް ވެއްޓި ކަކޫ މަށައިގެން ގޮސް އަނިޔާވި ކަމަށެވެ.
މި މައްސަލައިގައި ދައުލަތުން ޝާފީގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާއަށް ކޯޓުގައި ޖަވާބުދާރީވަމުން ދައުވާއަށް އިންކާރުކޮށް ޝާފީ ބުނެފައިވަނީ އޭނާ ހިނގާފައި ދަނިށޮށް ސިމާނާ އައިސް ޝާފީގެ ކުރިމައްޗަށް އެރުމުން އައި ރުޅީގައި ސިމާނާގެ ގައިގައި ޖެހީ ކަމަށެވެ.
ނަމަވެސް ޖެހީ ގަސްތުގައި ނޫން ކަމަށާއި ރުޅި އައިސްފައި ހުރުމުގެ ސަބަބުން ޖެހި ވަގުތު އެ ކުރެވުނީ ކީއްކަން ނޭނގޭ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ ފްޓޭޖުތަކުން، ވައަތު ފައިން ސިމާނާގެ ގައިގައި ޝާފީ ޖަހާ މަންޒަރު ފެނެއެވެ.
މި ދައުވާގައި ދެފަރާތުގެ ވާހަތަކަށާއި ހެކިތަކަށް ބެލުމަށްފަހު، ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ، އަނިޔާއެއް ދިނުމުގެ ކުށުން ޝަފީ ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ. އަދި ހުކުމް ކުރުމުގެ ކުރިން މި މައްސަލައިގައި ޝާފީ ބަންދުގައި ހުރި މުއްދަތު ޖަލު އަދަބުން އުނިކުރުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ ދެ މަހާއި 22 ދުވަހުގެ ޖަލު އަދަބެއް ކަަމަށްވެސް ހުކުމުގައި ކަނޑައަޅާފައިވެއެވެ.
އިބްރާހިމް ޒަކީ
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް