އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖެއަށް ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ތައާރަފުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ.
މ. އަތޮޅަށް ރައީސް މިހާރު ކުރައްވާ ދަތުރުފުޅުގައި މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ޔޫނިއަން ޕޭގެ ކާޑަކީ ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ބޭނުންކުރެވޭނެ ކާޑެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
"ޖެނުއަރީ އެކަކުން ފެށިގެން ޗައިނާ ފައިސާގެ އެކައުންޓުތަކަށް ހާއްސަކޮށް ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުތަކުގައި ބޭނުންކުރާ ކާޑެއްކަމުގައިވާ ޔޫނިއަން ޕޭ ގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ތައާރަފުކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ބީއެމްއެލުން މިއަދު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތައާރަފުކޮށްފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެކަމުގެ ސަބަބުން، ޗައިނާއިން ވިޔަފާރިކުރާ ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއްވެ، ޑޮލަރަށް ބަރޯސާވުން ކުޑަކުރެވި ބްލެކް މާކެޓުގައި ޑޮލަރު ގަންނަން ޖެހޭ ޖެހުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ.
"ދިވެހި ވިޔަފާރިވެރިން ޗައިނާއިން ވަރަށް ބޮޑަށް ވިޔަފާރި ކުރޭ، ވަރަށް ބޮޑުތަނުން އޭގެ ނަތީޖާ ރަނގަޅުވާނެ" ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އިންޑިއަން ރުޕީސް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށްވެސް ބީއެމްއެލްއަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިގޮތަށް ހަމަޖެހިގެން ދިއުމުން ދިވެހި ވިޔަފާރީގައި ބޭނުންކުރާ މައިގަނޑު ގޮތެއްގައި ޑޮލަރު ފިޔަވައި ބޭނުންކުރާ ދެ ފައިސާ ހަމަޖެހުމުން ޑޮލަރަށް އޮތް ބާރު ބޮޑުކަން ހައްލުވެގެންދާނެ ކަމަށެވެ.
އަދި ކަސްޓަމަރުންނަށް ޔޫއެސްޑީ ޑެބިޓް، ޔޫއެސްޑީ ކްރެޑިޓް އަދި ޓްރެވަލް ކާޑުތައްވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ނިންމައިފިއެވެ.
އަލީ ޔާމިން
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު