ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން އެ ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.

22 ސެޕްޓެމްބަރު 2025، ވީއައިއޭގެ އާ ޓާނިމަލުން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްއަށް ހިދުމަތް ދޭން ފެށުން -- ފޮޓޯ/ އެމްއޭސީއެލް

ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި ބަޓިކް އެއާ މާލޭގެ ސްޓޭޝަން މެނޭޖަރު އަލީ ޝިނާނާއި ބެންކޮކް އެއާވޭސްގެ ސްޓޭޝަން މެނޭޖްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ނިތިތަމް ކަކަނުމްޕޯން އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ވަނީ ހުޅުވައިފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބަޓިކް އެއާގެ ފުރަތަމަ މަތިންދާބޯޓު، އޯޑީ293-5 އަށާއި ބެންކޮކް އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓު ޕީޖީ711-2 އަށް ވޯޓާ ސެލިއުޓް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

22 ސެޕްޓެމްބަރު 2025، ވީއައިއޭގެ އާ ޓާނިމަލުން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްއަށް ހިދުމަތް ދޭން ފެށުން -- ފޮޓޯ/ އެމްއޭސީއެލް

ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ އަދި ބެއިޖިންގް ކެޕިޓަލް އެއާލައިންސެވެ. އަދި މިއަދު ހިދުމަތް ދޭން ފެށި ދެ އެއާލައިނާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ ހަތަކަށް އިތުރުވެފައެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.