ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ދާއިރާއިން މ. ދިއްގަރުގެ ތަރައްގީއަށް، އަދި އާބާދީ އެއްފަސްކުރުމަށް މުހިންމު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދިއްގަރަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިއްގަރަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހިންގާ ހައުސިންގް މަޝްރޫއުތަކުގެ ތެރެއިން ފުރަތަމަ މަޝްރޫއުގެ ގޮތުގައި، 75 ހައުސިންގް ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި މި މަޝްރޫއު ނިމުމުގެ ކުރިން، އިތުރު 75 ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ގަސްތުކުރައްވާ ކަމަށެވެ. އަދި އެކަމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް ކަމާ ގުޅުންހުރި ފަރާތްތަކުން ވަމުންގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަރާމާތުގެ ގޮތުން ދިއްގަރުގެ ބަނދަރު އަޕްގްރޭޑް ކުރަން ޖެހިފައި އޮތްކަން ފާހަގަކުރައްވައި، ރައީސް ވަނީ، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ކުރީކޮޅު، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިމަޝްރޫއު ހިންގަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ހަމަމިއާއެކު، ދިއްގަރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، މަލްޓިޕާޕަސްހޯލަކާއެކު ނުވަކުލާސްރޫމް ހިމެނޭހެން އިތުރު އިމާރާތެއް ތަރައްގީ ކުރުމުގެ މަސައްކަތް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

ދިއްގަރަކީ މަސްވެރި ރަށެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ގެންނަ ކުރިއެރުންތަކުގެ ސަބަބުން، ރަށުގެ މަސްވެރިންނަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.