މ. މުލަކުގައި އިމާރާތްކުރާ އާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ފަށައިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މުލަކަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި މުލަކުގައި އިމާރާތްކުރާ އާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

މިނިސްޓަރުގެ އަރިއަހުގައި އާރުޑީސީގެ އެމްޑީ އިބްރާހިމް ނަޒީމް އާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް އާއި އަދި މުލަކު ކައުންސިލުގެ ރައީސް އަހުމަދު ޖަމާލު ބައިވެރިވެވަޑައިގެންނެވިއެވެ.

ހެލްތު މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ. މި އަހަރުގެ މެއި 28 ހަވާލުކުރި އެ މަސައްކަތުގެ އަގަކީ 24،509،190.64 މިލިޔަން ރުފިޔާއެވެ. މަސައްކަތް ނިންމަންދީފައިވާ ތާރީހަކީ 2026 އޮގަސްޓް 9 އެކެވެ.

ރައީސްގެ މި ދަރުތުފުޅުގައި މުލަކުގެ ތަރައްގީއަށް އިތުރު މަޝްރޫއުތައް ފެށުމަށް ނިންމާފައިވެއެވެ.