ދިރާގުން ޖީއެމް ފޯރަމް 2025ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހޮޓެލިއާ މޯލްޑިވްސްއާއެކު ސޮއިކޮށްފިއެވެ.

ދިރާގުން ބުނީ މިއަހަރުގެ ފޯރަމްގެ މައުޟޫއު ކަމުގައިވާ 'ޑިޖިޓަލައިޒޭޝަން އެންޑް އެކްސްޕޭންޑިން އެކްސްޕީރިއަންސެސް'ގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި އަންނަމުންދާ ބަދަލުތަކަށް އަލިއަޅުވާލައި، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިންނަށް ފޯރުކޮށްދޭ ތަޖުރިބާތައް އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ޑިޖިޓަލް ވަސީލަތްތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިދުމަތްތައް ފޯރުކޮށްދޭ ގޮތްތައް ބަދަލުވެ، ފަތުރުވެރިންނަށް ދޭ ހިދުމަތްތައް އިތުރަށް ހަލުއިކޮށް، އެ ފަތުރުވެރިއަކަށް ހާއްސަ ހިދުމަތްތައް ދިނުމުގެ މަގުފަހިވެފައިވާ ކަމަށެވެ.

"މިގޮތުން، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، މި ސިނާއަތް އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުކައި ހޮޓެލިއާ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޖީއެމް ފޯރަމްއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ.

އަންނަ މަހުގެ 13 ގައި ބާއްވާ އެ ފޯރަމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ލީޑަރުން އެއްތަނަކުން ފެނިގެންދާނެއެވެ. އެ ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ ކީނޯޓް ސްޕީޗްތަކާއެކު ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ދިރާގުން ދަނީ ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެންމެ ކުރީސަފުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ، މި ދާއިރާގެ މަސައްކަތްތަކަށް ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.