ފ. ފީއަލީގައި އަލަށް ގާއިމުކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތާއެކު، ފ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.
ފީއަލީގައި އޭޓީއެމް ހިދުމަތް ފައްޓަަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ފީއައްޔަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފީއަލީގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފެށުމާއެކު ފ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ލިބިގެންދާނެއެވެ.
އޭޓީއެމް ހިދުމަތް ތައާރަފުކުރުމަށް މިއަދު ފީއަލީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.
"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިހާރު 13 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ވަނީ ގާއިމުކޮށްފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 166 ސެލްފްސާވިސް ބޭންކިން ސެންޓަރު، 225 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފައިވާ އަތޮޅުތަކަކީ ގއ، ގދ، އއ، ހއ، ހދ، ށ، ދ، ނ، މ، ކ، ބ، ފ، އަދި ވ. އަތޮޅެވެ.
ފާތިމަތު ލިއުޝާ
ފ. ފީއަލީ
ފ. ފީއަލީ
ފ. ފީއަލީ