ނުގަވާއިދުން ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓުކުރުމަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ޕްރޮގްރާމެއް މާދަމާ ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރަނގި ޕްރޮގްރާމު ފަށައި، ފުރަތަމަ ކޮށްފައިވާނެ ކަމަކީ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށެވެ. މިއަދާ ހަމައަށް އޮތް އެންމެ މުހިންމު މަސައްކަތަކީ، ނުގަވާއިދުން ހިންގާ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިކަން ވެސް އެތައް ހަރުފަތެއް މައްޗަށް ޖައްސައި، މާދަމާއިން ފެށިގެން ނޭޝަން ވައިޑްކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި، ހާއްސަކޮށް އާބާދީ ބޮޑެތި ރަށްތަކުގައި މި ދެންނެވިގޮތަށް ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހޯދައި އެތަންތަން ވަގުތުން ބަންދުކޮށް، އެ ފަރާތްތައް ޑީޕޯޓުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މާދަމާ އެބަ ފަށަން. މީގެ ނަތީޖާއަކަށް ވެސް ވާނީ ދިވެހި ރައްޔިތުންނަށް ވިޔަފާރިކުރުމަށް އެ އޮންނަ ފުރުސަތުތައް، ހައްގު ފުރުސަތުތައް އަނބުރާ ހޯދައިދިނުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރަނގި އޮޕަރޭޝަނުގެ ތެރެއިން 178،982 ބޭރު މީހުންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށާއި މީގެ ކުރިން ރާއްޖޭގައި ދެ ލައްކައެއްހާ ބިދޭސީން އުޅޭކަން އެނގިފައިނުވާ ކަމަށެވެ. އަދި އެމީހުންގެ މައުލޫމާތު އެއްކުރުމަށްފަހު ނުގަވާއިދުން ރާއްޖޭގައި އުޅޭ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ނުގަވާއިދުން އުޅޭ މީހުން ޑީޕޯޓުކުރަނީ ވެސް ކުރީގައި ނަމަކަށް. އެހެންނަމަވެސް އަޅުގަނޑުމެން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް 8609 މީހުން ޑީޕޯޓު ވެސް ކޮށްފިން، ރާއްޖެއިން ފޮނުވާލައިފިން. މިވެސް ވަރަށް ބޮޑު މަސައްކަތެއް. ބޭރު މީހުންގެ މައްސަލަ މިއީ އެންމެ ބޮޑު އެއް މައްސަލަ. މިކަމުގެ ސަބަބުން އާންމު ދިވެހި ރައްޔިތުން ކުރާ ވިޔަފާރިތަކަށް ވެސް އެބަ ހުރަސްއެޅޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންގެ ކުދި ވިޔަފާރިތަކަށް ވެސް ނުގަވާއިދުން ބިދޭސީން ވަންނަމުންދާ ކަމަށާއި މަގުމަތީގައި ތަންތަން ހުޅުވައިގެން ނުގަވާއިދުން އެކިކަހަލަ ގުދަންތައް ހަދައިގެން ބިދޭސީން ވިޔަފާރިކުރަމުންދާ ކަމަށެވެ. އަދި ހާއްސަކޮށް މާލެ އާއި އާބާދީ ބޮޑެތި ތަންތަނުގައި ބިދޭސީން ނުގަވާއިދުން ވިޔަފާރިކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.