އިކުއެޑޯގައި ބޭރު ސިފައިންގެ ބޭސްތައް ގާއިމުކުރުމަށް ހުއްދަދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އިކުއެޑޯގެ ރައީސް ޑެނިއެލް ނޮބޮއާ އިއްޔެ ވަނީ އެ ގައުމުގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުމަށް އަމުރުކުރައްވައިފައެވެ.

އިކުއެޑޯގައި އިތުރުވަމުން އަންނަ ނުރައްކާތެރި ގުރޫޕުތަކާއި އެ ގައުމުގައި ބޮޑެތި ކުށްތައް ކުރަމުންގެންދާ ފަރާތްތައް ކޮންޓްރޯލުކުރުމަށް ރައީސް ނޮބޮއާ ވަނީ ބޭރުގެ އެހީއަށްވެސް އެދިފައެވެ.

އިކުއެޑޯގެ ސަރުކާރުން އެގައުމުގެ ގާނޫނަށް ބަދަލު ގެނެސް، ބޭރުގެ މިލިޓަރީ ބޭސްތައް ގައުމުގައި ގާއިމުކުރުމަށް ހުއްދަ ދިނުމަށްފަހު އެންމެ ފުރަތަމަ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ބޭސް އެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރައީސް ނޮބޮއާ ވަނީ އެމެރިކާގެ ބޭސް އެއް ގާއިމުކޮށް އެގައުމު ހަމަ މަގަށް އެޅުވުމަށް އެހީތެރިވެދިނުމަށް އެދިވަޑައިގެންފައެވެ.

2008 އަހަރު އިކުއެޑޯގެ އޭރުގެ ސަރުކާރުން ވަނީ އެ ގައުމުގައި އެމެރިކާގެ މިލިޓަރީ ބޭސްތަކާއި ސިފައިން ގައުމުގައި ގާއިމުވެ ތިބުން މަނާކޮށް ގާނޫނު ބަދަލުކޮށްފައެވެ.