ފ. ބިލެތްދޫ ބަނދަރު މަޝްރޫއާއެކު، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ބިލެތްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެމްޓީސީސީން ކުރިއަށްގެންދާ ބަނދަރުގެ މަސައްކަތްކުރާނީ ޖާގަ ތަނަވަސްކުރެވެން އޮތް އެންމެ ފުޅާމިނެއްގައި ޑިޒައިނަށް ގެނެވޭނެ ބަދަލުތަކެއް ގެނެސްގެން، ރައްޔިތުންގެ އުންމީދުތައް ހާސިލުވާގޮތަށް ކަމަށެވެ.
ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީން އެ މަސައްކަތް ކުރަމުންދާ އިރު، މިހާރު އޮތް ބަނދަރުގެ ތެރެއިން ގެނެވެން އޮތް ވީހާވެސް ގިނަ ބަދަލުތަކެއް، ފުޅާކުރުމާއި ބޮޑުކުރުމުގައި ގެނެސްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހަމައެއާއެކީގައި ޖާގަ އިތުރުކުރުމަށް ބިން ބޮޑުކުރުމަށްޓަކައި އަޅުގަނޑުމެން މި ރަށުގެ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ހިއްކައިދިނުމުގެ މަޝްރޫއެއް މި ބަނދަރުގެ މަޝްރޫއާ ގުޅިގެން އަޅުގަނޑުމެން ގެންގޮސްދޭނެކަމުގެ ޔަގީންކަން މިއަދު ރައްޔިތުންނަށް ދެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން ގަވާއިދުތަކުގެ ތެރެއިން ރަށުގެ ދޫކުރަންޖެހޭ ޖާގަ ދޫކޮށްފައި އެންމެ ކުޑަމިނުން ބާއްވަންޖެހޭ ވަރަށް ބާއްވައި، ރަށަށް ބިން އިތުރުކުރެވޭނެ އެންމެ ބޮޑުމިނަކަށް އިތުރުކޮށްދޭނެ ކަމަށެވެ. އަދި އެމްޓީސީސީން ބިލެތްދޫން ފައިބައިގެންދާނީ އެ މަސައްކަތްތައްކޮށް ނިންމާފައި ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު