ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަައިޑީކާޑު ޕްރިންޓް ކުުރުމުގެ ހިދުމަތް ފަށައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އެ ވައުދުފުޅުގެ ދަށުން އެންމެފަހުން އައިޑީ ކާޑުގެ ހިދުމަތް ފައްޓަވައިފައިވަނީ ވ. އަތޮޅު ފެލިދޫގައެވެ. އެއާއެކު ހުރިހާ އަތޮޅަކުން މިހާރު އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ލިބެން ހުންނާނެއެވެ.

ފެލިދޫގައި އައިޑީ ކާޑުގެ ހިދުމަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެ ރަށުގައި އެ ހިދުމަތް ފަށައިފައިވަނީ ރައީސް މުއިއްޒު ވ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފެލިދުއަށް ވަޑައިގެން އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއް ތަނަކުން ބެލެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. ފަހުން 11 ނޮވެމްބަރު 1993 ގައި އެ އޮފީހުގެ ނަންވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އަށް ބަދަލުކޮށްފައެވެ. އެއީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ އޮފީހެކެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފަށައިފައިވަނީ ކޮވިޑް -19 އާ ގުޅިގެން 2021 ވަނަ އަހަރުގައެވެ. ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް އަމިއްލައަށް އައިޑީ ކާޑަށް ހުށަހެޅޭގޮތް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފުރަތަމަ ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ. ރާއްޖެއިން ބޭރު ގައުމުތަކުގެ ތެރެއިން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް މިވަގުތު ލިބެންހުރީ މެލޭޝިއާއިން އެކަންޏެވެ.