އައިޑީކާޑު ސްމާޓް ކާޑަކަށް ބަދަލުކުރައްވައި، ފައިސާ ދެއްކުމާއި އެތައް ހިދުމަތެއް އެ ކާޑު މެދުވެރިކޮށް ފޯރުކޮށްދޭ ގޮތަށް އަންނަ އަހަރު ތައާރަފުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި ކޮރަޕްޝަން ފަދަ ކަންކަން ނައްތާލުމަށް މޯލްޑިވްސް 2.0 މުހިންމުވާ ކަމަށާއި ލަނޑުދަނޑިތައް ހާސިލުކުރުމުގައި ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.

ސިއްހީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް އެ މީހުންގެ ހެލްތު ރެކޯޑުތައް އެޕެއް މެދުވެރިކޮށް ބެލެހެއްޓޭ ގޮތް ހަމަޖެއްސުމަކީ ވެސް މި މަޝްރޫއުގެ ބައެކެވެ. ހަމައެއާއެކު ކައުންސިލްތައް ހިމެނޭހެން ދައުލަތުގެ ހުރިހާ އިދާރާތަކުގެ ހިދުމަތްތައް 2028 ގެ މެދުތެރެއަށް އޮންލައިންކޮށް ދެވޭ ގޮތް ހެދުމާއި، ޑިޖިޓަލް އާކައިވެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޒުވާނުންނާއި ވިޔަފާރިވެރިންނާ ގުޅޭގޮތުން ރައީސް ވިދާޅުވީ 4061 ޒުވާނުންނަށް ތަފާތު ލޯނު ފެސިލިޓީތައް ހަމަޖައްސައިދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކޮންޓެންޓް ކްރިއޭޓަރުންނާއި ޒުވާން ވިޔަފާރިވެރިން ހިމެނެއެވެ. މީގެ އިތުރުން ޖެނުއަރީ 1 އިން ފެށިގެން ރޯ މެޓީރިއަލްސް އިން ޑިއުޓީ 0 ޕަސެންޓަށް ތިރިކުރުމަށް ނިންމައި، ޖީއެސްޓީ ތުރެޝްހޯލްޑް ވެސް މަތިކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

ޕޭޕަލް ތައާރަފުކުރެވި، ސްވައިޕް ބޭނުންކުރަން ފެށިފައިވާ ކަމަށާއި، 400 އަށްވުރެ ގިނަ ދިވެހިންނަށް އަލީބާބާ މެދުވެރިކޮށް އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.