މުޒާހަރާގެ ބައިވެރިން ގަޔަށް ބަޑިޖަހަން އަމުރު ނުކުރައްވާ ކަމަށް ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ވިދާޅުވެއްޖެއެވެ.

ނޭޕާލްގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޖެންޒީން ނުކުމެ ކުރި މުޒާހަރާތައް ހޫނުވެ މުޒާހަރާތައް ކޮންޓްރޯލް ނުވެ ގިނަ ބަޔަކު މަރުވާން ފެށުމާއެކު އޭރުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ވަނީ އިސްތިއުފާ ދެއްވައި އިންޑިއާގެ ހިމާޔަތް ހޯއްދަވައިފައެވެ.

ނޭޕާލްގެ ސަރުކާރު ވެއްޓުމާއެކު އެ ގައުމުގެ ވަގުތީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ އިރު، ގައުމަށް ވަނީ ބޮޑެތި ގެއްލުންވެ އެތައް އަހަރެއް ފަހަތަށް ޖެހިފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ނޭޕާލުގެ މުޒާހަރާތައް ހޫނުވެ ހިނގައިދިޔަ ކުރިމަތިލުންތަކުގައި އެގައުމުގެ ފުލުހުންނާއި އާންމުންގެ ތެރޭގައި ހަމަނުޖެހުން ހިނގުމާއެކު ފުލުހުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހާފައިވެއެވެ.

ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށްފަހު އިންޑިއާގެ ހިމާޔަތް ހޯދި ކުރީގެ ބޮޑުވަޒީރު ވަނީ އިއްޔެ ބަޔާނެއް ނެރުއްވައިފައެވެ.

އެ ބަޔާނުގައި ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ވަނީ 73 މީހުން މަރުވި މުޒާހަރާތަކުގައި އާންމުންގެ ގަޔަށް ބަޑިޖަހަން އަމުރުކުރައްވާފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ކަންތައްތައް ތަހުގީގުކުރުމަށް ގޮވާލެއްވިއެވެ.

އޮލީ ވިދާޅުވީ ފުލުހުން އަތުގައި ނެތް އޮޓޮމޭޓެޑް ހަތިޔާރު ބޭނުންކޮށް ގިނަޔަބަކު މަރާލާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

މުޒާހަރާތަކުގެ ސަބަބުން ނޭޕާލްގެ ސަރުކާރުގެ އޮފީސްތަކާއި އެގައުމުގެ މަޖިލީސް ކުރާ ގެ ރޯކޮށްލާފައިވާ އިރު، ދާދިފަހުން އެ ގައުމުގައި ހުޅުވި ހިލްޓަން ހޮޓެލް ވެސް ވަނީ އަނދައި އަޅިޔަށް ވެފައެވެ.