އަރި އަތޮޅުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް، ވީވާ ބީޗް އެންޑް ސްޕާ ހަންޏާސް ކަޕް 2025ގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތައް މިޑްލް ކަރައުޑާއި ނެކްސަސް އެސްސީން ކާމިޔާބު ކޮށްފިއެވެ.

އަރިއަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އދ. ހަންޏާމީދޫގައި ކުރިއަށްގެންދާ ހަންޏާސް ކަޕް، ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ފަށާފައިވާ އިރު، މިފަހަރު ކުރިއަށްދާނީ އަތޮޅު ތެރެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ، 16 އަހަރުން ދަށުގެ ޖޫނިއާ ފުޓްސަލް މުބާރާތަކާވެސް އެކުގައެވެ.

ހަންޏާސް ކަޕުގައި ޖުމަލަ ހަ ޓީމަކުން ވާދަކުރާ އިރު، ޖޫނިއާ މުބާރާތުގައި ތިން ޓީމަކުން ވާދަކުރާނެއެވެ. ހަންޏާސް ކަޕުގައި ތިން ރަށަކުން ޓީމުތައް ވާދަކުރެއެވެ. އެއީ އދ. މަހިބަދޫ، އދ. ހަންޏާމީދޫ އަދި އޮމަދޫގެ ޓީމުތަކެވެ.

ޖޫނިއާ މުބާރާތުގައިވެސް ހަންޏާމީދޫއާއި އޮމަދޫގެ އިތުރުން އދ. ކުނބުރުދޫން ޓީމުތައް ބައިވެރިވެފައިވެއެވެ.

ހަންޏާސް ކަޕް ގްރޫޕް އޭގައި ހިމެނެނީ މިޑްލް ކްރައުޑާއި ކަންދަހާރު ސިޓީގެ އިތުރުން އެންމެފަހުން ދެ އަހަރުގެވެސް ޗެމްޕިއަން ލަކުޑިއެވެ. ގްރޫޕް ބީގައި ހިމެނެނީ ނެކްސަސްއާއި ޔަންގް ޖެނެރޭޝަން އަދި ސަމުގާއެވެ.

ރޭ ފުރަތަމަ ކުޅުނު ގްރޫޕް އޭގެ މެޗުގައި މިޑްލް ކްރައުޑުން ވަނީ ކަންދަހާރު ކައިރިން 6-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެމެޗުގައި މިޑްލް ކްރައުޑްގެ ހަ ގޯލުގެ ތެރެއިން ދެ ގޯލު، އަހުމަދު ފަޔާޒް ޖަހައިދިން އިރު، އަނެއް ގޯލުތައް ޖަހައިދިނީ އަބްދުﷲ ނިހާން، މުހައްމަދު އަބާން އިމްރާން، އަހުމަދު އައިހަމް އަދި އިސްމާއީލް މަހްފޫޒެވެ.

ކަންދަހާރު ސިޓީގެ ހަމައެކަނި ގޯލު ޖަހައިދިނީ މުހައްމަދު ޝާކިރެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ މިޑްލް ކްރައުޑްގެ އަބާނެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން --- ފޮޓޯ/ ހަންޏާސް ކަޕް

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ރޭ ނެކްސަން އެސްސީން ވަނީ ޔަންގް ޖެނެރޭޝަން ކައިރިން 3-0 އިން މޮޅުވެފައެވެ. އެމެޗުގައި ނެކްސަސްގެ އިބްރާހީމް ނަދާދު ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ ރައުލް ނިޔާޒެވެ.

ހަންޏާސް ކަޕްގެ އިތުރު ދެމެޗު މިރޭ އޮންނަ އިރު، މިއަދު ހަވީރު ޖޫނިއާ މުބާރާތް ފަށާނެއެވެ. ހަވީރު އޮންނަ ޖޫނިއާ މެޗުގައި 4:15 ގައި މިޑްލް ކްރައުޑް ޖޫނިއާ ނުކުންނާނީ ކުނބުރުދޫ ޖޫނިއާ ޓީމާ ދެކޮޅަށެވެ.

މިރޭ ފުރަތަމަ މެޗުގައި 8:15 ގައި ނެކްސަންއިން ސަމުގާއާ ދެކޮޅަށް ނުކުންނަ އިރު، އޭގެފަހުން 9:15 ގައި އޮންނަ މެޗުގައި މިޑްލް ކްރައުޑް ނުކުންނާނީ ޗެމްޕިއަން ލަކުޑިއާ ދެކޮޅަށެވެ.