އަރި އަތޮޅުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް، ވީވާ ބީޗް އެންޑް ސްޕާ ހަންޏާސް ކަޕް 2025، މާދަމާ ރޭ ފަށަން ތައްުޔާރުވެއްޖެއެވެ.

އަރިއަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އދ. ހަންޏާމީދޫގައި ކުރިއަށްގެންދާ ހަންޏާސް ކަޕް މިފަހަރު ކުރިއަށްދާނީ އަތޮޅު ތެރެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ، 16 އަހަރުން ދަށުގެ ޖޫނިއާ ފުޓްސަލް މުބާރާތަކާވެސް އެކުގައެވެ.

ހަންޏާސް ކަޕުގައި ޖުމަލަ ހަ ޓީމަކުން ވާދަކުރާ އިރު، ޖޫނިއާ މުބާރާތުގައި ތިން ޓީމަކުން ވާދަކުރާނެއެވެ. ހަންޏާސް ކަޕުގައި ތިން ރަށަކުން ޓީމުތައް ވާދަކުރެއެވެ. އެއީ އދ. މަހިބަދޫ، އދ. ހަންޏާމީދޫ އަދި އޮމަދޫގެ ޓީމުތަކެވެ.

ޖޫނިއާ މުބާރާތުގައިވެސް ހަންޏާމީދޫއާއި އޮމަދޫގެ އިތުރުން ހދ. ކުނބުރުދޫން ޓީމުތައް ބައިވެރިވެފައިވެއެވެ.

ހޯމަ ދުވަހުގެ ރޭ ދެ މުބާރާތުގެ ގުރު ނެގުން ބާއްވާފައިވާ އިރު، ހަންޏާސް ކަޕް ގްރޫޕް އޭގައި ހިމެނެނީ މިޑްލް ކްރައުޑާއި ކަންދަހާރުގެ އިތުރުން އެންމެފަހުން ދެ އަހަރުގެވެސް ޗެމްޕިއަން ލަކުޑިއެވެ. ގްރޫޕް ބީގައި ހިމެނެނީ ނެކްސަސްއާއި ޔަންގް ޖެނެރޭޝަން އަދި ސަމުގާއެވެ.

ޖޫނިއާ މުބާރާތުގެ ފުރަތަމަ ބުރު، ލީގު އުސޫލުން ކުރިއަށްދާ އިރު، ވާދަކުރާ ތިން ޓީމަކީ މިޑްލް ކްރައުޑް ޖޫނިއާސް، ކުނބުރުދޫ ޖޫނިއާސް އަދި ނެކްސަސް ޔަންގް ޖެނެރޭޝަނެވެ. ޖޫނިއާ މުބާރާތުގައި ބައިވެރި ޓީމުތަކަކީ ދައުވަތު ދީގެން ބައިވެރިވެފައިވާ ޓީމުތަކެވެ.

ހަންޏާސް ކަޕް މީގެ ކުރިން ހަ ފަހަރު ކާމިޔާބުކަމާއެކު ބާއްވާފައިވާ އިރު، އެ މުބާރާތް ވެގެން ގޮސްފައި ވަނީ އަރި އަތޮޅުގެ އެންމެ ފޯރިގަދަ އެއް މުބާރާތަށެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

ހަންޏާސް ކަޕްގެ އިތުރުން ޖޫނިއާ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް އެމްވީ" އެވެ.