އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް 2026 ވަނަ އަހަރު ބޭއްވުމަށް ދިވެހިރާއްޖެ ކަނޑައެޅި، މި ކޮންފަރަންސް ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހޮވައިފިއެވެ.

އެ ޝަރަފުވެރި ކޮންފަރެންސްގައި ބޭންކިން އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްކޮށް، މުހިންމު މައްސަލަތަކާއި، ދާއިރާގައި ހުރި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ މުސްތަގުބަލާ މެދު މަޝްވަރާކުރާނެއެވެ.

އެ ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި އެކަން އިއުލާންކުރީ މިމަހުގެ 15 އަދި 16 ވަނަ ދުވަހު ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ކޮންފަރެންސްގައެވެ. އެ ރަސްމިއްޔާތުގެ ތެރެއިން، އޭބީއޭގެ ވައިސް ޗެއާމަންގެ މަގާމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ އައްޔަންކޮށްފައެވެ.

ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އޭބީއޭގެ 42 ވަނަ ކޮންފަރެންސް ބޭއްވުމުގެ ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިއީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ބޭރު ދުނިޔެއަށް ދައްކާލައި، ބޭރު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް. އޭޝިއާގެ ބޭންކިން ކޮމިއުނިޓީއަށް ރާއްޖެއަށް މަރުހަބާ ކިޔައި، މި ދާއިރާގެ މުހިންމު މަޝްވަރާތަކަކަށް އެންމެ އެކަށޭނެ މަންސައެއް ގާއިމުކޮށްދިނުމަށް ބީއެމްއެލުން މި އޮތީ ތައްޔާރަށް،" އޭނާ ވިދާޅުވިއެވެ.

މިއީ އޭބީއޭގެ ކޮންފަރެންސެއް ބީއެމްއެލުން ބާއްވާ ދެވަނަ ފަހަރެވެ. 2018 ވަނަ އަހަރު ބީއެމްއެލުން ވަނީ ކާމިޔާބު ކޮންފަރެންސެއް ބާއްވައިފައެވެ.

ބީއެމްއެލުން ބުނީ އެ ކޮންފަރެންސް ބޭއްވުމަށް ދެވަނަ ފަހަރަށް ފުރުސަތު ލިބުމުން، އޭޝިއާގެ ބޭންކިން ދާއިރާގައި ބީއެމްއެލްގެ ނުފޫޒާއި ލީޑާޝިޕް އިތުރުވަމުންދާކަން ހާމަވެގެންދާ ކަމަށެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސްގައި އޭބީއޭ މެންބަރު ގައުމުތަކުގެ ސީއީއޯ އިން، ސީނިއާ އެގްޒެކްޓިވުން، އަދި އިންޑަސްޓްރީގެ މާހިރުން ބައިވެރިވާނެ ކަމަށާއި އެ ކޮންފަރެންސްގައި ބޭންކިން އަދި ފައިނޭންޝަލް ސާވިސަސް ދާއިރާއަށް މުހިންމު މައުޟޫތަކާ ގުޅޭ މަޝްވަރާތަކާއި، ވޯކްޝޮޕްތަކާއި، ނެޓްވޯކިން ސެޝަންތައް ހިމެނޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.