"ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން، ނުޙައްގުން މުއްސަނދިކަން މީހަކު ހޯދައިފިކަން ސާބިތުވެއްޖެނަމަ، ދައުލަތަށް ނަގާ އޭނާގެ މުދާތަކާ މެދު އަމަލުކުރަންޖެހޭ ގޮތް ކަަނޑައަޅާނެ ކޮމިޓީއެއް އުފައްދަން ނިންމައިފިއެވެ.

އެފަދަ ކޮމިޓީއެއް އުފައްދަންޖެހޭ ކަަމަށް ހިމަނާފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތުން އާއްމުކުރި "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައެވެ.

އެ ގަވާއިދުގައިވާ ގޮތުން، އެގޮތަށް ނަގާ މުދަލާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އެކަމަށް އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.

އެ ކޮމިޓީގައި ހިމެނޭނީ މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، (މީރާ)އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ މެންބަރުންނެވެ.

ގަވާއިދު ބުނާގޮތުން އެ ގަވާއިދުގެ ދަށުން ހިފަހައްޓާ މުދަލާއި ފައިސާއިން ކުރާނީ ކޮން ބޭނުމެއްކަން ކަނޑައަޅައިދިނުމަށް ކޮމިޓީއަށް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ މުދަލަކާ މެދު އަމަލުކުރާނެ ގޮތެއް ކޮމިޓީން ނިންމަންޖެހޭނެއެވެ.

މިގޮތަށް ނެގޭ މުދަލާ މެދު އަމަލުކުރާނެ ގޮތްތަކެއް ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

އެއީ އެ މުދަލެއް ވިއްކާލުމާއި ކުއްޔަށްދިނުމާއި ދައުލަތުން ބޭނުންކުރުމާއި ނައްތާލުމުގެ އިތުރުން އިންސްޓޯލްމަންޓަށް ފައިސާ ދައްކައި ނިމިފައިނުވާ މުދަލެއްނަމަ އިންސްޓޯލްމަންޓަށް ދިން ކުންފުންޏާއެކު އެއްބަސްވެވޭ ގޮތަކަށް އަމަލުކުރުމެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްކުށަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ހާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ގާނޫނެކެވެ.