އުމްރާއަށް މީހުން ގެންދަން ނެގި ޓިކެޓްގެ ފައިސާ ނުދައްކައިގެން، މަކަރާއި ހީލަތް ހެދުމުގެ ކުށުގައި އަލް މަޝްގަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ވެރިޔާ މ. ހަވީރީފިނި، އަލީ ފާރިޝް، ބަދަލު ދިނުމާއެކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރީ، 3 ފެބްރުއަރީ 2023 ވަނަ ދުވަހު އޭނާ ހިންގާ އަލް މަޝްގަރު ހައްޖު އެންޑް އުމްރާ ގްރޫޕުން، އަހަރުގެ ރޯދަމަހު އުމްރާއަށް މީހުން ގެންދަން އޭސް އޭވިއޭޝަން ސާވިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އޭސް ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، 48 މީހެއްގެ ރިޓާން ޓިކެޓްގެ ބުކިން ހެދުމަށްފަހު އެ ޓިކެޓްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެންނެވެ.
ދައުވާގައިވާ ގޮތުން، އޭސް އޭވިއޭޝަނާއި އޭސް ޓްރެވަލްއަށް ފައިސާ ދެއްކުމުގެ ގޮތުން އަލް މަޝްގަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން 23 މާޗް 2024 ގައި 390126 ރުފިޔާ ނެގޭގޮތަށް ދޫކުރި ޗެކާއި، 23 މާޗް 2024 ގައި 156050 ރުފިޔާ ނެގޭގޮތަށް ފޮނުވާފައިވާ ޗެކާއި، 24 މާޗް 2024 ގައި 414643 ރުފިޔާ ނެގޭގޮތަށް ބޭންކް ޗެކްތަކެއް ފޮނުވިއެވެ.
ނަމަވެސް އެ އެކައުންޓްތަކުގައި ފައިސާ ނެތުމުގެ ސަބަބުން ފައިސާ ދެވެން ނެތްކަަމަށް ބޭންކުން އެންގުމުން، އެ ފައިސާ ދެއްކުމަށް އެ ދެ ކުންފުނިން އަލީ ފާރިޝްއަށް ދިން ހަތްދުވަހުގެ މުއްދަތުގައި ފައިސާ ދައްކާފައެއް ނުވެއެވެ.
އެހެންކަމުން އެ ފައިސާ އަލީ ފާރިޝްގެ އަތުން ނަގައިދިނުމަށް ކުރިމިނަލް ކޯޓުގައި ދައުވާކުރިއެވެ.
މި މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ހުކުމްކުރީ، މަކަރާއި ހީލަތް ހެދުމުގެ ކުށުން އަލީ ފާރިޝް، ކުށްވެރިވެއްޖެކަމަށް ކަނޑައަޅާ ކަމަށެވެ.
އެހެންކަމުން ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް އޭނާ ޖަލަށްލުމަށް ހުކުމްކޮށް، އެ ދެ ކުންފުންޏަށް ފައިސާ ނުދައްކައިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350 ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިން އެއް ޑޮލަރަކީ 15.45 ރުފިޔާގެ މަގުން ބަލައިގެން 406،321 ރުފިޔާއަކީ އަލީ ފާރިޝް އެ ކުންފުނިތަަކަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި 24 މަސްދުވަހުގެ ތެރޭގައި ސިވިލްކޯޓަށް މި ފައިސާ ދެއްްކުމަށް ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު