ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލްގެ މަގާމުގައި ހުންނެވި މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދު ނަމުގައި މާލޭގައި ގޯއްޗެއް އޮތުމުން، އޭނާގެ އަތުން ސިފްކޯ ފުލެޓް އަތުލުމަށް ނިންމާފައި ވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)ގެ ފަރާތުން ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސިފްކޯހިޔާ މަޝްރޫއުގެ 300 ފުލެޓަށް ކުރިމަތިލުމަށް 28 ނޮވެމްބަރު 2023 ގައި ކޮށްފައިވާ އިއުލާނާ ގުޅިގެން ވައިސް ވަހީދު ވަނީ ފުލެޓަށް ކުރިމަތިލައިފައެވެ.
ވައިސް ވަހީދުގެ ފަރާތުން ފުލެޓަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ، ސިފްކޯއިން ވަނީ ވައިސް ވަހީދުގެ އަތުން ފުލެޓުގެ ފުރަތަމަ ޑައުންމޭޕަންޓް ބަލައިގަނެ، ފުލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ އެތައް ދުވަހެއް ފަހުން ވައިސް ވަހީދުގެ އަތުގައި 600 އަކަފޫޓުގެ ބިމެއް އޮތްކަމަށް ބުނެ ސިފްކޯއިން ވަނީ ވައިސް ވަހީދަށް ދީފައިވާ ފުލެޓް އަނބުރާ އަތުލައި އެތަން ހަވާލުކުރަން އަންގައިފައެވެ. ފުލެޓް އަނބުރާ ސިފްކޯއާ ހަވާލުކުރަން ވައިސް ވަހީދު ވަނީ އިންކާރުކޮށް، ފުލެޓް ހަވާލުކުރުން އެންގުމަކީ ގާނޫނާ ހިލާފު ކަމެއްކަމަށް ކަނޑައަޅައިދިނުމަށާއި ފުލެޓް އަނބުރާ އޭނާއާ ހަވާލުކުރަން ސފްކޯގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ އަށްވަނަ ދުވަހު ދައުވާކޮށްފައެވެ.
ދައުވާއަށް ޖަވާބުދާރީވުމުގެ ފޯމުގައިވަނީ ސިފްކޯއިން ވަނީ މައްސަލަ ނުނިމެނީސް ފުލެޓަށް ތިންވަނަ ފަރާތެއްގެ ހައްގެއް އަންނަ ކަމެއް ނުކުރާނެކަމަށް ބުނެފައެވެ. އެހެންވެ ވައިސް ވަހީދު އެދުނު ގޮތަށް ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެދީފައެއް ނުވެއެވެ.
ސިފްކޯއިން ބުނެފައިވަނީ ވައިސް ވަހީދު، ސިފްކޯ ހިޔާއަށް އެދި ހުށަހެޅި ފޯމަކީ ސައްހަނޫން މައުލޫމާތުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ފޯމެއް ކަމަށްވާތީ އެއީ ބާތިލު ފޯމެއް ކަމަށެވެ. ވައިސް ވަހީދަކީ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް މާލެއިން ލިބިފައިވާ ފަރާތަކަށްވާތީ، ސިފްކޯއިން ފުލެޓް ލިބެން ނުޖެހޭ މީހެއްކަމަށް ކަނޑައަޅައިދިނުމަށް ސިފްކޯއިން ވަނީ އެދިފައެވެ.
އަދި ސިފްކޯ ހިޔާއިން ފުލެޓް ލިބޭ މީހުންގެ ދަފުތަރުން ވައިސް ވަހީދު އުނިކުރުމަށާއި ފުލެޓް އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ފުލެޓް ހަވާލުކޮށްފައި ނުވަނީ ރަނގަޅަށްކަމަށް ކަނޑައަޅައިދިނުމަށް ސިފްކޯއިން އެދިފައިވެއެވެ.
އެ އެއްބަސްވުމުގައި ޝަރުތުތަކުގައި ތެރޭގައިވާ ގޮތުން ފުލެޓް ގަންނަ ފަރާތް، މާލެ ސަރަހައްދުން (މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު، ތިލަފުށި، ގިރާވަރުފަޅު ހިމެނޭހެން" 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ތަނެއް ލިބިފައި ވާނަމަ، އެ ބިމެއް ނުވަތަ އެތަނެއް އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށް އެއްބަސްވެ، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެތަނެއް ދޫކޮށްލަން ވާނެކަމަށް އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރުގައި ވަނީ ބަޔާންކޮށްފައެވެ.
އަދި އެ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (މ)ގެ އެއްވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ އެއްބަސްވުން ވެފައިވަނީ ގަންނަ ފަރާތުން ބިމާއި ގޯތިގެދޮރާއި، ފުލެޓާ ބެހޭގޮތުން ދީފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަމަށް ބަލައިގެން ކަމަށާއި، އެހެންކަމުން އެއްބަސްވުމުގައި ސޮއިކުރުމަށްފަހުވެސް ބިމާއި ގޯތިގެދޮރާއި ފުލެޓާއި ބެހޭގޮތުން ދީފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތު ނޫންކަން ސާބިތުވެއްޖެ ނަމަ އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށެވެ.
އެއްބަސްވުމުގައި ސިފްކޯއާއި ވައިސް ވަހީދުގެ ފަރާތުން ސޮއިކުރިނަމަވެސް އެއްބަސްވުމުގެ ހަވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ތަނުގެ ތަޅުދަނޑި/ކީކާޑް، ވައިސް ވަހީދުއާ ހަވާލުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ބެއްލެވި ގާޒީ އަބްދުއް ނާސިރު ޝަފީގު މައްސަލައިގެ ހުކުމަށް ވާސިލުވި ރައުޔުގައި ވިދާޅުވީ ވައިސް ވަހީދަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައިވޭތޯ ޝަރީއަތުން ބަލާއިރު ހ. ސޯސަންވިލާ ކިޔާ ގޯތި (3،800 އަކަފޫޓު) ވައިސް ވަހީދުގެ ހިމެނޭގޮތަށް ހަ މީހެއްގެ ނަމުގައ ރަޖިސްޓްރީކޮށްފައި ވަނިކޮށް 2014 އޮކްޓޫބަރު އެކެއްގައި، އެ ގޯއްޗަކީ ދެ ގޯއްޗަކަށް ވާގޮތަށް ބަދަލުކުރެވިފައިވާ ދެ ގޯތިކަމާއި، އެގޮތުން ހިތިގަސްމަގުން ވަދެ ނިކުމެވޭގޮތަށް ގޯތީގެ މެދުން، ގޯތި ހަމަހަމައަށް ދެބައިކޮށް ގޯތީގެ އިރުމަތީ ފަރާތުގައި އޮތް 1،900 އަކަފޫޓުގެ ބައި ވައިސް ވަހީދު ހިމެނޭހެން ތިން މީހުންނަށް ހަމަހަމަކޮށް (ހ. ވައިޓް ސެޑާ) ލިބިގެންވާކަން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ.
ވައިސް ވަހީދުގެ ފަރާތުންވެސް އޭނާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް (ހ. ވައިޓް ސެޑާ) ނެތްކަމަށް ބުނެ އިންކާރުކޮށްފަައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން ހ. ވައިޓް ސެޑާ ގޯތިން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ވައިސް ވަހީދަށް ލިބިފައި އޮތްކަން އޮޅުމެއްނެތި އެނގެން އޮންނަ ކަމަށާއި ފުލެޓުގެ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރާ އެއްގޮތަށް ވައިސް ވަހީދު އަމަލުކޮށްފައި ނުވާކަން (ގޯތި ދޫކޮށްލާފައި ނުވާކަން) އެނގޭކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ އެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް ދެކެވަޑައިގަންނަވާކަމަށް ގާޒީ ވިދާޅުވިއެވެ.
އެކަންކަން ފާހަގަކުރައްވައި ގާޒީ މި މައްސަލައިގައި ކުރެއްވި ހުކުމުގައިވަނީ ވައިސް ވަހީދާއި ސިފްކޯއާ ދެމެދު ފުލެޓް ގަނެ ވިއްކުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ވައިސް ވަހީދު އަމަލުކޮށްފައި ނުވާކަން ދެ ފަރާތުގެ ބަހުންނާއި ލިޔުންތަކުން އެނގެން އޮތުމުން، ސިފްކޯގެ ފަރާތުން ވައިސް ވަހީދަށް ފުލެޓް ހަވާލުކޮށްފައި ނުވަނީ އެއްބަސްވުމާ ހިލާފަށްކަމަށް ކަނޑައެޅޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަކަމަށެވެ.
މުހައްމަދު އިޝާން
ސިފައިންގެ އެކުވެރި ކުންފުނި
ސިފައިންގެ އެކުވެރި ކުންފުނި
ސިފައިންގެ އެކުވެރި ކުންފުނި