ކޮރަޕްޝަން ނުހިންގައި، ދެފުށް ފެންނަ ގޮތަށް ސިފްކޯއާއި ޕޮލްކޯއިން ވިޔަފާރިކުރުމަކީ މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެމްއެންޑީއެފްގެ ވެލްފެއާ ކުންފުނި ސިފްކޯއާއި ސިފައިންގެ ވެލްފެއާ ކުންފުނި ޕޮލްކޯގެ މަގުސަދާއި ބޭނުމާ ގުޅޭ ސުވާލު އެމްއެންޑީއެފްގައި ކުރައްވައިފައިވާނެ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތުތައް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މައްސަލައަކަށް ވެގެން އުޅެނީ ސިފްކޯއާއި ޕޮލްކޯގެ ތެރެއިން ކޮރަޕްޝަންގެ ކަންތައްތަކެއް ހިންގައިފައި ހުރުމުން ކަމަށާއި އެހެން ނޫންނަމަ އެ ތަންތަނުން ވިޔަފާރިކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"ކޮރަޕްޝަންގެ އަމަލުތަކެއް ނުހިންގޭ ގޮތަށް ސިފައިންގެ ވެލްފެއާ އާއި ފުލުހުންގެ ވެލްފެއާގެ ކަންތައްތަކެއް ސަރުކާރުގެ ބަޖެޓަށް ބަރޯސާ ނުވެ އާމްދަނީއެއް ހޯދައިގެން އެ އާމްދަނީއެއް ބޭނުންކޮށްގެން ދެ ފުށް ފެންނަ ނިޒާމެއްގައި އެކަން ކުރުމަކީ ސެންސިބަލް ކަމެއް. އެކަމުގައި ނެތް ގަވަނެންސް އޭންގަލަކުން ބަލާއިރު މައްސަލައެއް" ރައީސް ވިދާޅުވިއެވެ.

ޕޮލްކޯ ފްލެޓްތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން އަންނަނީ ބަލަމުންނެވެ.