މަޖިލިސް ތަޅުމުން ނެރެފައިވާތީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އަށް އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ ދެ އިސްލާހު ހުށައެއް ނޭޅުނެވެ.

މީކާއީލް އެ ދެބިލަށް ހުށަހަޅާފައިވަނީ ވަރަށް ކުޑަކުޑަ ދެ އިސްލާހެކެވެ.

އެއީ ބިލުުގެ ނަން ބަަދަލު ކުރަން ހުށަހެޅި ދެ އިސްލާހެވެ.

އޭގެ ތެެރެއިން ފުރަތަމަ އިސްލާހަކީ ބިލުގެ ނަން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އިން މީޑީއާ ކޮންޓްރޯލް އެންޑް ސެންސާޝިޕް ބިލުގެ ނަމަށް ބަދަލު ކުރުމަށެވެ.

ދެވަނަ އިސްލާހުގެ ގޮތުގައި ބިލްގެ އެއްވަނަ މާއްދާގެ (ށ)އަށް ގެންނަން މީކާއީލް ހުށަހަޅާފައިވާ އިސްލާހަކީވެސް، "މީޑިއާ ކޮންޓްރޯލް އެންޑް ސެންސާޝިޕް ގާނޫނު" ކިއުމަށެވެ.

ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ކޮމިޓީ ރިޕޯޓަށް މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގެ ތެެރެއިން ނަން އިއްވައި މަޖިލިސް ތަޅުމުން މީކާއީލް ބޭރު ކުރިއެވެ.

އެމްޑީޕީގެ ހަތް މެންބަރުންނާއެކު، މީކާއީލްވެސް މަޖިލިސް ތަޅުމުން ނެރުނީ، ބަހުސްގެ ތެރޭގައި މަޖިލިސް ރިޔާސަތުގެ ކުރިމަތީގައި ލިއުންތަކެއް ހިފައިގެން، ބިލާދެކޮޅަށް އިހުތިޖާޖުކޮށް އަޑުގަދަކޮށް އެހެންމެންބަރުންނަށް އުނދަގޫ ކޮށްގެންނެވެ.

އެހެންކަމުން ބިލްގެ ބަހުސްގެ މެރުހަލާ ނިމި ބިލަށް ވޯޓަށް އެހުމުގެ ވަގުތުގައި މީކާއީލް ވަނީ ކޮމިޓީން ބޭރުކޮށްފައެވެ.

ނަމަވެސް ބަހުސް ނިމި ބިލަށް އިސްލާހު ހުށަހަޅަށް މެންބަރުންނަށް ފުރުސަތު ދެއްވަމުން ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް ވިދާޅުވީ، ބިލަށް ޖުމްލަ ފަސް އިސްލާހެއް އެބައޮތް ކަމަށާއި، އޭގެ ތެެރެއިން ފުރަތަމަ ދެ އިސްލާހަކީ މީކާއީލް ހުށަހަޅަންޖެހޭ ދެ އިސްލާހު ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ނަން އިއްވައި މީކާއީލް މަޖިލީހުން ބޭރު ކުރެވިފައިވާތީ، އޭނާގެ އިސްލާހުތައް މަޖިލިސް ތަޅުމަށް ހުށަހަޅައި ވޯޓަކަށް ނޭހޭނެ ކަމަށެވެ.

މަޖިލިސް މެންބަރު ބޭރުކޮށްލަން ގޮވާލައި، ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުން ދަނިކޮށް އެ ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ މިރޭ ފާސްކޮށްފައެވެ.